ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް

Author
އަހުމަދު
27 އޮގަސްޓް 2025 09:51
0

ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް، ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި ކުރިއަށްދާއިރު، 24 ދުވަހުގެ ތެރޭގައި 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވި، މިއީ ބޮޑު ކާމިޔާބީއެއްކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާތަނަށް 3،402 މީހުންގެ ނަން އެއްބަސްވުން އެކުލަވާލުމަށްޓަކައި އެފްޑީސީއަށް ފޮނުވާފައިވެއެވެ. މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ޤާއިމުކޮށްފައިވާ 10 ވަރަކަށް ކައުންޓަރުގައެވެ.

އެފްޑީސީން އިތުރަށް ހާމަކުރެއްވި ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންވާ މުހިއްމު ލިޔެކިޔުންތައް ހަމަކުރުމަށް ފްލެޓް ލިބޭ ފަރާތްތަކުން ސަމާލުކަން ދިނުން މުހިއްމެވެ.

އިމާރާތްކުރުމާބެހޭ ވުޒާރާއިން ނިންމާފައިވާ ގޮތުގައި، 3 ކޮޓަރީގެ ފްލެޓު ދޫކުރުމުގައި 76 މާކްސްއަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް އިސްކަންދީ، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އަދި 2 ކޮޓަރީގެ ފްލެޓުތައް ދޫކުރެވޭނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.