އަދީބުގެ އެމްޓީޑީ އުވާލަން އީސީން ދެވަނަ ފަހަރަށް ނިންމައިފި

އަދީބުގެ އެމްޓީޑީ އުވާލަން އީސީން ދެވަނަ ފަހަރަށް ނިންމައިފި

Author
ހުސައިން
26 އޮގަސްޓް 2025 06:52
0

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް އިލެކްޝަން ކޮމިޝަނުން ދެވަނަ ފަހަރަށް ނިންމައިފިއެވެ. މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

އީސީގެ އިއުލާނުގައި އެމްޓީޑީން އަދާކުރަންޖެހޭ ދަރަނި އެއްވެސް ފަރާތަކަށް އޮތްނަމަ، އޮގަސްޓް 31 ގެ ކުރިން އެ ކަންކަން ހުށަހަޅައި ނިންމުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ކުރިން 2022 ވަނަ އަހަރު ވެސް އީސީން ވަނީ މެންބަރުން ހަމަނުވާ ކަމަށް ބުނެ އެމްޓީޑީ އުވާލުމަށް ނިންމާފައެވެ. ނަމަވެސް އޭރު ދިން މުއްދަތުގައި އެ ޕާޓީން ވަނީ ބޭނުންވާ އަދަދަށް މެންބަރުން ހަމަކޮށްފައެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު 27 ގައި ރަޖިސްޓަރީކުރި އެމްޓީޑީގައި މިއަހަރުގެ ޖޫން 30 ގެ ނިޔަލަށް ތިބީ އެންމެ 2,272 މެންބަރުންނެވެ. ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށް ދަފްތަރުގައި ބެހެއްޓުމަށް ގާނޫނުގައި ޝަރުތުކޮށްފައިވަނީ މަދުވެގެން 3,000 މެންބަރުން ތިބުމެވެ. އެހެންކަމުން އެމްޓީޑީގައި މިހާރު ތިބި މެންބަރުންގެ އަދަދު، ގާނޫނުގައި ބުނާ އަދަދަށްވުރެ 728 މެންބަރުން މަދެވެ.

ދިވެހިރާއްޖޭގައި މެންބަރުން ހަމަނުވުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އުވާލާފައިވާ ޕާޓީތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ހިމެނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުވާލާފައިވާއިރު، އެ ޕާޓީ އުވާލީ ޕީޕީއެމްގެ ސެނެޓުން ފާސްކޮށް، އެ ޕާޓީ އުވާލުމަށް އެދި އީސީއަށް ހުށަހެޅުމުންނެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ 10,000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. އެހެންކަމުން މެންބަރުން ހަމަނުވުމަކީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް ދަތިވާ ސަބަބަކަށް ވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.