ޣައްޒާގައި ޝަހީދުކުރެވުނު ނޫސްވެރިންގެ އަދަދު 206 އަށް

ޣައްޒާގައި ޝަހީދުކުރެވުނު ނޫސްވެރިންގެ އަދަދު 206 އަށް

Author
ހުސައިން
26 އޮގަސްޓް 2025 12:09
0

އިސްރާއީލުގެ ޣައްޒާ ސަރަހައްދަށް ދެމުންގެންދާ ހަމަލާތަކުގައި މިއަދު އިތުރު ނޫސްވެރިއެއް ޝަހީދުވުމާއެކު، ޖުމްލަ ޝަހީދުވި ނޫސްވެރިންގެ އަދަދު 206 އަށް އަރައިފިއެވެ. މިއަދު ޝަހީދުވީ އަލްހަޔާތު އަލްޖަދީދާ ޕަބްލިކޭޝަންގެ ކޮރެސްޕޮންޑެންޓް ހަސަން ދުހާން އެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ދިން މައުލޫމާތުގައި ބުނެފައިވަނީ، ހަސަން ދުހާން ޝަހީދުވެފައިވަނީ ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދުގައި އިސްރާއީލު ސިފައިންގެ ހަމަލާއެއްގައި ކަމަށެވެ. މީގެ އިތުރުން ނަސީރް މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއެއްގައިވެސް ނޫސްވެރިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

ނޫސްވެރިންނަށް ދެމުންގެންދާ މި ހަމަލާތައް ކުށްވެރިކޮށް ޣައްޒާ ސަރުކާރުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވާލާފައެވެ. އެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލުގެ މި ޢަމަލުތައް ކުށްވެރިކޮށް، މިފަދަ ހަމަލާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށާއި، މި މައްސަލަތައް ބައިނަލްއަޤުވާމީ ކޯޓުތަކަށް ހުށަހަޅައި އިންސާފު ހޯދުމަށް ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ޣައްޒާ ސަރަހައްދުގައި ނޫސްވެރިންނަށް ދެމުންގެންދާ މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ނޫސްވެރިންނަކީ ހަނގުރާމައިގެ ސަރަހައްދުތަކުގައިވެސް ރައްކާތެރިކަން ލިބެންޖެހޭ ފަރާތްތަކެއް ކަމަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ޣައްޒާގައި ނޫސްވެރިންނަށް ދެމުންގެންދާ ހަމަލާތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.