އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް މި އަހަރުގެ ބާކީ އޮތް މުއްދަތަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. މި މަގާމަށް ރާއްޖެ އިންތިޚާބުވުމުން، އޭޝިއާ-ޕެސިފިކް ގްރޫޕުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާ ވެސް ރާއްޖެއަށް ލިބިގެންދާނެއެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި، ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކުގެ ދާއިރާގައި، ޚާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ވަރުގަދަ އަޑެއް އުފުލައި، އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި ދިގު ތާރީޚެއް ހުރި ގައުމެއް ކަމަށް ފާހަގަކުރެއްވިއެވެ.
އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ކޮށްފައިވާ ވައުދުތަކާ އެއްގޮތަށް، އަދުލުއިންސާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތުގެ އުސޫލުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުރިހާ މީހުންނަށް އިންސާފުވެރި، ހުރިހާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުވާ، ޝާމިލު ދުނިޔެއެއް ބިނާކުރުމަށް ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އދ.ގެ މުހިންމު މަގާމުތަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ތަޖުރިބާ މީގެ ކުރިން ވެސް ލިބިފައިވެއެވެ. މިގޮތުން، އަންނަ ސެޕްޓެންބަރު މަހު ފެށޭ އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ވެސް ރާއްޖެ ހޮވިފައިވާއިރު، 2021ވަނަ އަހަރު ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވެއެވެ.
1965ވަނަ އަހަރުގެ ސެޕްޓެންބަރު 21ގައި، މިނިވަންކަން ލިބުނުތާ މާގިނަ 25 ދުވަސް ފަހުން އދ.އަށް ގުޅުނު ދިވެހިރާއްޖެ، ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ފާހަގަވަމުން އަންނަނީ މިފަދަ ބައިނަލްއަގުވާމީ މަގާމުތަކަށް އިންތިޚާބުވަމުންދާތީއެވެ.
ކޮމެންޓު ފޮނުވާ