ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ 2 ޖަހާއިރު

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ 2 ޖަހާއިރު

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 02:42
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ދޭއް ޖަހާއިރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

މިމައްސަލާގައި އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑު އެހުމުގައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރާ 2 ދަޢުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެމައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދީފައެވެ.

އެދުވަހުގެ އަޑު އެހެމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ މައްސަލާގައި މިހާތަނަށް ކޮށްފައިވާ ހުކުމާއި، އަދި މިހާރު ކުރިއަށްދާ ޝަރީއަތުގައިވެސް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުން މިހާތަނަށްވެސް ސިއްރުކޮށް، ލިޔުންތައް ފޯރުކޮށް ނުދީ ކުރިއަށް ގެންދަނީ ވަރަށް ނާއިންސާފުން ކަމުގައެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އެމްއެމްޕީއާރުސީ މައްސަލާގައި ހުކުމްކުރި މައްސަލާގައިވެސް ޝަރީއަތަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން އެދުމުން އެ ލިޔެކިޔުން ފޯރުކޮށްދީފައި ނުވާކަމަށެވެ.

އެމައްސަލާގައި ހުކުމްކޮށްފައިވަނީވެސް ލިޔެކިޔުންތަކަށް އެދި އެތައްފަހަރަކު ދަންނަވާފައިވަނިކޮށް، އެލިޔެކިޔުންތައް ފޯރުކޮށް ނުދީ ވަރަށް ނާއިންސާފުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިހާރު ޝަރީއަތް ފަށާފައިވާ މައްސަލާގައިވެސް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުންތަކާއި، ވީޑިއޯ ޑޮކިއުމަންޓްތައް ހޯދުމަށް އެދިފައިވާނެކަމަށެވެ. އެތަކެތި ނުލިބި މައްސަލާގައި ކުރިއަށް ދިއުމަކީ ވަރަށް ދަތި ކަމެއްކަމަށެވެ. ރައީސް ޔާމީންގެ މިވާހަތަކާއި ގުޅިގެން މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަހުމަދު ޝަކީލް ވަނީ މި މައްސަލާގައި، މައްސަލަ ރައްދުވާ ފަރާތަށާއި، ދިފާއީ ވަކީލުންނަށް ލިޔެކިތުންތައް ފޯރުކޮށްދިނުމަށް ދައުލަތުގައި ދަންނަވާފައެވެ. އަދި މިމައްސަލާގައި ދިފާއީ ވަކީލުން ފާހަގަކޮށްފައިވާ ވަގުތު ދިނުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ޤާޒީ ވަނީ އެދުވަހުގެ އަޑު އެހުމުގައި ނިންމާފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކަނޑައެޅިފައިވާ ދުވަހު ލޯންޗެއް ހަމަނުޖެހިގެން ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތެއް ނުވުމާއި، އަދި ބައްދަލުވެ، މައްސަލާގައި މަޝްވަރާކުރެވޭ ވަގުތު ކުޑަވުމަކީވެސް މިކަމުގައި އޮތް ކަންބޮޑުވުމެއްކަމަށެވެ. މިމައްސަލާގައި ދައުލަތުން ވިދާޅުވީ އެކަށީގެންވާ ވަގުތު ދިފާއީ ވަކީލުންނަށް ދެއްވާކަމަށެވެ. އަދި ދިފައީ ވަކީލުން އެދިފައިވާ ބައެއް ލިޔެކިޔުންތަކަކީ ދައުލަތުން ސިއްރު ކުރަންޖެހޭ ލިޔެކިޔުންތަކަކަށް ވުމުން އެލިޔެ ކިޔުންތައް ފިޔަވައި އެހެން ހުރިހާ ލިޔެ ކިޔުންތަކެއް ފޯރުކޮށް ދީފައިވާނެކަމަށެވެ.

ރައީސް ޔާމީންގެ އިތުރު ޝަރީއަތްތަކެއް ކުރިއަށް ގެންދާއިރު، އެމަނިކުފާނު މިހާރު ތަންފީޒު ކުރަމުންދާ ޖަލު ހުކުމުގެ އިސްތިއުނާފުގެ މަރުހަލާނިމި ހުކުމް ނުކޮށް އެތައް ދުވަހެއް ފާއިތުވާތީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.