ރަށްރަށުގެ ކުރިއެރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ޕީއެސްއެމްއިން "ޗާލު ދިވެހިރާއްޖެ އެވޯޑް" ތައާރަފުކޮށްފި

ރަށްރަށުގެ ކުރިއެރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ޕީއެސްއެމްއިން "ޗާލު ދިވެހިރާއްޖެ އެވޯޑް" ތައާރަފުކޮށްފި

Author
ޙަސަން މުޙައްމަދު
25 އޮގަސްޓް 2025 10:23
0

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ރަށްތަކުގެ ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ ނަމުގައި ޚާއްސަ އެވޯޑެއް ތައާރަފުކޮށްފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ ރަށްރަށުގައި ތިމާވެށި ރައްކާތެރިކުރުމަށާއި ދިވެހި ސަގާފަތާއި އާދަކާދަ ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި އަގުވަޒަންކުރުމަށް ޚާއްސަކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑުގެ ޒަރީއާއިން ދެމެހެއްޓެނިވި ތަރައްގީއަށް ހިތްވަރުދިނުމާއެކު، އަންނަން އޮތް ޖީލުތަކަށް ރަނގަޅު ދިވެހިރާއްޖެއެއް ފޯރުކޮށްދިނުމަށް މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ.

ޒިންމާދާރު ފަތުރުވެރިކަން ކުރިއެރުވުމާއި، މުޖުތަމައު ތަރައްގީކުރުމާއި، ސަގާފީ ވަރުސަ ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށް، އެ ދާއިރާތައް ހަރުދަނާކުރުމަށްވެސް މި އެވޯޑުން އެހީތެރިވެދޭނެއެވެ. ހަމައެއާއެކު ރަށްރަށުގެ މެދުގައި ދުޅަހެޔޮ ވާދަވެރިކަމެއް އުފެއްދުމާއި، ރަށަށް ލޯބިކުރުމުގެ ޖަޒުބާ އިތުރުކުރުމަކީވެސް މި އެވޯޑުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި އެވޯޑަށް ކުރިމަތިލެވޭނީ ހަތް ތަފާތު ދާއިރާއަކުންނެވެ. އެގޮތުން އެންމެ ރީތި ގޮނޑުދޮށް، އެންމެ އެކުވެރި މުޖުތަމައު، ދެމެހެއްޓެނިވި ތަރައްގީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް، ސާފުތާހިރު އެންމެ ތިމާވެއްޓާ ރައްޓެހި ރަށް، ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް، އެންމެ ހިތްގައިމު ރަށު މަންޒިލް އަދި އަހަރުގެ އެންމެ ޗާލު ރަށުގެ ކެޓަގަރީތައް ހިމެނެއެވެ.

މި ޝަރަފުވެރި އެވޯޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށެވެ. އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ކައުންސިލްތަކުން http://psm.mv/chaalu_award މި ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ. އެޕްލިކޭޝަން ބަލައިގަތުން ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ރަށްރަށުގެ ކާމިޔާބީތައް ގައުމީ ފެންވަރުގައި ފާހަގަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާދަކާދަތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ޒިންމާދާރު ފަތުރުވެރިކަމުގެ އާދަތައް ކުރިއެރުވުމަށް ހިތްވަރުދިނުމަކީ މި އެވޯޑުގެ އަމާޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.