ލިބޭނެ ފައިދާ އެނގިހުރެވެސް ކާޑެއްދޫ އެއާޕޯޓް  ދޫކޮށްލީ ސަރުކާރުން ބޭނުން ވެގެން: ގާސިމް

ލިބޭނެ ފައިދާ އެނގިހުރެވެސް ކާޑެއްދޫ އެއާޕޯޓް ދޫކޮށްލީ ސަރުކާރުން ބޭނުން ވެގެން: ގާސިމް

Author
ޙަސަން މުޙައްމަދު
23 އޮގަސްޓް 2025 02:43
0

ގދ. ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ހެދުމުން ލިބޭނެ ފައިދާތައް އެނގިހުރިނަމަވެސް، ސަރުކާރުން އެތަން ތަރައްގީކުރަން ބޭނުންވާތީ ދޫކޮށްލުމަށް ނިންމިކަމަށް ވިލާ ކުންފުނީގެ ޗެއާމަން ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް ކައުންސިލުން ވިލާ ކުންފުންޏަށް ފޮނުވި ސިޓީއެއް އެކްސްގައި ހިއްސާކުރައްވައި ޤާސިމް ވިދާޅުވީ، އެއާޕޯޓް ސަރުކާރަށް ނެގުމުގެ ބަދަލުގައި 18 މިލިއަން ޑޮލަރު 18 މަހަށް ބަހާލައިގެން ދިނުމަށް ނުވަތަ ވިލާ ގްރޫޕުން ދައްކާ ޓެކްސްއިން އެޖަސްޓްކުރުމަށް ސަރުކާރުން ހުށަހެޅިކަމަށެވެ.

2013 ވަނަ އަހަރު 50 އަހަރުދުވަހުގެ މުއްދަތަށް ވިލާއާ ހަވާލުކުރި މި އެއާޕޯޓް، 2017 ގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށް އަތުލާފައެވެ. އެހެންނަމަވެސް 2018 ގައި ސިވިލް ކޯޓުން ވިލާއަށް އެތަން އަނބުރާ ދޭން ހުކުމްކޮށް، ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް މި ހުކުމަށް ތާއީދުކުރުމުން، 2022 ގެ މާޗުމަހު އަލުން ވިލާއާ ހަވާލުކުރެވުނެވެ.

ޤާސިމް ފާހަގަކުރެއްވި ގޮތުގައި، ކާޑެއްދޫ އެއާޕޯޓް އަމިއްލަ ފަރާތަކަށް ދޫކުރުމަށް ސަރުކާރުން ކުރި އިއުލާނާ ގުޅިގެން ވިލާއިން ހުށަހެޅި ޕްރޮޕޯސަލް ބަލައިގަތީ، އެތަނުން ސަރުކާރަށް ވަމުންދިޔަ ގެއްލުން ބޮޑުވެފައިވާތީއެވެ. ވިލާ ކުންފުންޏަށްވެސް އެތަން ހިންގުމުން ބޮޑު ގެއްލުމެއް ވަމުންދިޔަކަމަށާއި، ކުންފުނިން ކުރި އިންވެސްޓްމަންޓަށް ރިއާޔަތްކޮށް ސަރުކާރުން 18 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދޭން ނިންމިކަމަށް ވިދާޅުވިއެވެ.

އެއާޕޯޓު ސަރުކާރަށް ދޫކޮށްލުމަށް ނިންމި ސަބަބަކީ، ސަރުކާރުން އެތަން ޑިވެލޮޕްކުރަން ބޭނުންވުމާއި، ވިލާ ކުންފުންޏަށް އެހާ އަވަހަށް ބޮޑު އިންވެސްޓްމަންޓެއް ނުކުރެވޭތީކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެތަން ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުވުމުން ކުންފުންޏަށް ލިބޭނެ ފައިދާ އެނގިހުރިނަމަވެސް، ސަރުކާރަށް ފުރުޞަތު ދިނުމަށް ނިންމިކަމަށް ފާހަގަކުރެއްވިއެވެ.

މި ވާހަކަ ޤާސިމް އެކްސްގައި ދެއްކެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރައީސް ޔާމީން ސިޔާސީ މައިދާނުގައި އަލުން ހައިބަތު ހޯދުމަށް އަމިއްލަ ޕްލޭންތަކުގެ ބަދަލުގައި އެހެން ސިޔާސީ ލީޑަރުންނާ ގުޅޭ ސައްހަ ނޫން ވާހަކަތައް ދައްކަވަމުން ގެންދަވާކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. އަދި ޔާމީންގެ ވެރިކަމުގައި ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ހުރިހާ ލީޑަރުންނެއް ޖަލަށް ލެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.