ކާޑެއްދޫ އެއާޕޯޓް މައްސަލާގައި ޔާމީނާއި ގާސިމްގެ ހޫނު ބަހުސްއެއް!

ކާޑެއްދޫ އެއާޕޯޓް މައްސަލާގައި ޔާމީނާއި ގާސިމްގެ ހޫނު ބަހުސްއެއް!

Author
އަލީ ރައޫފް
23 އޮގަސްޓް 2025 04:36
0

ކާޑެއްދޫ އެއާޕޯޓް ސަރުކާރާ ހަވާލުކުރި ގޮތާ ބެހޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމްގެ ދެމެދުގައި ހޫނު ބަހުސްއެއް ކުރިއަށް ގޮސްފިއެވެ.

ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ ކާޑެއްދޫ އެއާޕޯޓަކީ ގާސިމަށް ތަރިކަ މުދަލެއްގެ ގޮތުގައި ލިޔެފައި އޮތް ތަނެއް ކަމަށާއި، ކޮންމެ ފަރާތަކުން ވެރިކަން ހިންގިޔަސް ގާސިމް އެދިވަޑައިގަތުމުން އެތަން ވިލާ ކުންފުންޏާ ހަވާލުކުރާ ކަމަށެވެ. އަދި އެންމެ ފަހުން ފެނުނު މަންޒަރަކީ އެ އެއާޕޯޓް ހިންގަން އުޅެއުޅެ ނުހިންގިގެން ސަރުކާރުން ބޮލުގައި އަޅަންޖެހުނު ތަން ކަމަށާއި، ދައުލަތަށް ގާސިމް ދައްކަންޖެހޭ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މަޢާފްކޮށްދީގެން ސަރުކާރުން އެ އެއާޕޯޓް ނެގި ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވެފައިވަނީ ޔާމީން ހައްދަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި، ކާޑެއްދޫ އެއާޕޯޓްގެ ކަންތައް ހިނގާފައިވާ ގޮތް އޮޅުވާލައިގެން ފަތުރާ ދޮގު ވާހަކަތައް ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށެވެ.

ގާސިމް ހިއްސާކުރެއްވި ރައީސް އޮފީހުގެ ސިޓީއެއް ހަވާލާދެއްވަމުން ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ކުރި އިޢުލާނާ ގުޅިގެން ވިލާއިން ހުށަހެޅި ޕްރޮޕޯޒަލަށް އެތަން ދޫކޮށްލެވުނީ ސަރުކާރަށް ގެއްލުންވާ ގޮތް ނޫން ކަމަށެވެ. ވިލާއިން އެތަން ހިންގައިގެން ލިބޭ ގެއްލުމާއި އެތަނަށް ކުރި ބޮޑު އިންވެސްޓްމަންޓަށް ބަލައި، ބަދަލެއްގެ ގޮތުން ސަރުކާރުން ދިނީ 18 މިލިއަން ޑޮލަރު ކަމަށް ގާސިމް ސާފުކޮށްދެއްވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ސަރުކާރަށް އެތަން ދޫކޮށްލީ ސަރުކާރުން އެއާޕޯޓް ތަރައްޤީކުރަން ބޭނުންވާތީ ކަމަށާއި، ވިލާއިން އަވަހަށް އިތުރު އިންވެސްޓްމަންޓެއް ކުރެވެން ނެތުމުން ކަމަށެވެ. އަދި އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުން ލިބޭނެ ފައިދާގެ ބޮޑުކަން އެނގިތިބެ ސަރުކާރަށް ދޫކޮށްލި ކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި ދެ ފަރާތުން ދައްކާ ވާހަކަތައް ތަފާތުވާއިރު، ކާޑެއްދޫ އެއާޕޯޓްގެ ހަގީގީ ހާލަތާއި އެތަން ސަރުކާރާ ހަވާލުކުރި އަސްލު ސަބަބުތަކާ މެދު ސުވާލުތައް އުފެދެމުން ދަނީ ރައްޔިތުންގެ މެދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.