ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް އިތުރު ތިން ޑްރެޖަރު ގެނައުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ އަންނަ އޮކްޓޯބަރު މަހު މި މަސައްކަތަށް ގެންނާނީ 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ އެއް ހޮޕާ ޑްރެޖަރު ކަމަށެވެ. މި ޑްރެޖަރުތައް ބޭނުންކޮށްގެން ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެހެންނަމަވެސް މި ޑްރެޖަރުތައް ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކާ ކަމެއް އަދި މި މަޝްރޫއަށް ހިނގާނެ ޚަރަދުގެ ތަފްސީލެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިއްމު ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.
މިގޮތަށް އިތުރު ޑްރެޖަރުތައް ގެނައުމަށް ނިންމާފައި މިވަނީ ހުޅުމާލެ ފޭސް 3، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި ކަމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ވަގުތެއްގައެވެ. ބިން ހިއްކުމުގެ މަޝްރޫއުތައް ލަސްވުމުން ބޯހިޔާވަހިކަން ހޯދުމަށް އެދި ތިބި އެތައް ހާސް ރައްޔިތުންނަށް ލިބެންޖެހޭ ގެދޮރު ލިބުން ލަސްވަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ