އަދާލަތު ޕާޓީ އުފެދުނުތާ 20 އަހަރު ފުރުމާ ގުޅިގެން ރޭ ގަލޮޅު މަދަރުސާގައި ބޭއްވި ޚާއްސަ ޖަލްސާގައި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ނައިބު ރައީސް ޑރ. އިޔާޒު އަބްދުއްލަތީފު ވަނީ ޕާޓީގެ ތާރީޚުގައި ދިމާވި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވާފައެވެ. އޭނާގެ ވިދާޅުވި ގޮތުގައި، އަދާލަތު ޕާޓީ ވުޖޫދުން ފޮހެލުމަށް "ބާރުގަދަ" ފަރާތްތަކުން އެތައް މަސައްކަތެއް ކޮށްފައިވާއިރު، އެ މަސައްކަތްތައް ކާމިޔާބު ނުވަނީ ޕާޓީން ހައްގު ބަސް ބުނަމުން އައުމުންނެވެ.
އަދާލަތު ޕާޓީގެ އިސް ފަނޑިޔާރުކަން ވެސް ކުރައްވާ ޑރ. އިޔާޒު، ފަލަސްތީނުގެ ހާލަތާ އަދާލަތު ޕާޓީގެ ހާލަތާ އަޅާކިޔައި ވާހަކަފުޅު ދެއްކެވިއެވެ. ފަލަސްތީނުގެ ހަގީގަތް ދުނިޔެއަށް ހާމަކުރާ ނޫސްވެރިންގެ އަޑު އިޒްރޭލުން ކަނޑުވާލަން އުޅޭ ފަދައިން، އަދާލަތު ޕާޓީގެ އަޑު ވެސް ކަނޑުވާލުމަށް މާޒީގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ގޮތުން އޭނާ މިސާލަކަށް ދެއްކެވީ، 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހެވެ. މި އިސްލާހަކީ ސީދާ އަދާލަތު ޕާޓީ އަށް އަމާޒުކޮށްގެން ގެނައި ބަދަލެއް ކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް، ޕާޓީގެ ވެރިންގެ ބުރަ މަސައްކަތުން 10،000 މެމްބަރުން ހަމަކުރުމަށް ކާމިޔާބު ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދާލަތު ޕާޓީން 10،000 މެމްބަރުން ހަމަކުރުމުން، އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރާ ގޮތަށް އައު ގަވާއިދެއް ގެނެސްފައިވާ ކަމަށް އިޔާޒު ވިދާޅުވިއެވެ. މީގެ ސަބަބުން އިނގިލީގެ ނިޝާން ޖެހުން މަޖުބޫރު ނުކުރާ ދުވަސްވަރު ޕާޓީއާ ގުޅުނު ގިނަ މެމްބަރުން ވަކިވެ، މިހާރު ޕާޓީގައި 8،000 މެމްބަރުން ތިބި ކަމަށް އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، އަދާލަތު ޕާޓީގެ މެމްބަރުން އެނގުމަކާ ނުލައި އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ "ކުޑަގޮޅިއެއްގައި" އެތައް ދުވަހެއް ބަންދުކޮށްފައި ބޭއްވީ ވެސް އަދާލަތު ޕާޓީ ނިކަމެތި ކޮށްލުމުގެ ނިޔަތުގައި ކަމަށް އިޔާޒު ވިދާޅުވިއެވެ.
އަދާލަތު ޕާޓީއަކީ ސިޔާސީ މައިދާނުގައި "ރެފްރީ" ގެ ދައުރެއް އަދާކުރާ ޕާޓީއެއް ކަމަށް ކުރީގެ އިސް ތަރުޖަމާން، މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވެފައިވާ ވާހަކަ އިޔާޒު ދަންނަވައި، އެ ވާހަކަފުޅަށް ތާއީދުކުރެއްވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި އިޔާޒު ވިދާޅުވީ، އަދާލަތު ޕާޓީ އަށް "ޖެއްސުންކުރި" މީހުން މިހާރު ތިބެން ޖެހެނީ "ޕާޓީގަނޑެއް ހަދައިގެން ގެއެއްގެ ސިޓިން ރޫމުގައި" ކަމަށެވެ. ޔާމީންގެ ޕީއެންއެފުން ގެކޮޅުގައި މަދު ބަޔަކާ އެކު ޖަލްސާ ބާއްވާ މަންޒަރަކީ ޔާމީންގެ "ނިކަމެތިކަން" ހާމަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އަދާލަތު ޕާޓީ މިހާރު ވެސް ވަރުގަދަ އަށް ތިބި ކަމަށާއި، އިހުލާސްތެރިކަމާ އެކު ކުރާ މަސައްކަތަށް ﷲ ކާމިޔާބީ ދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އިޔާޒު ވިދާޅުވެ، އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ނިންމަވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ