މީޑިއާ ބިލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން މީޑިއާ ކައުންސިލުން ނިންމައިފި

މީޑިއާ ބިލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން މީޑިއާ ކައުންސިލުން ނިންމައިފި

Author
ޙަސަން މުޙައްމަދު
21 އޮގަސްޓް 2025 10:23
0

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ބިލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާ ބައްދަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުމަކީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އާ ދެކޮޅަށް އެމްއެމްސީން ނިންމި ފަސް މުހިންމު ފިޔަވަޅުގެ ތެރެއިން އެއް ފިޔަވަޅެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު ޢަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅި މި ބިލާ ގުޅިގެން އެމްއެމްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމި ކަންކަމުގެ ތެރޭގައި، ނޫސްވެރިންނާ މަޝްވަރާނުކޮށް ހުށަހެޅިފައިވާ ބިލް އެއްވެސް ޝަރުތަކާ ނުލައި ބަލައިނުގަތުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލުން ހިމެނެއެވެ. އަދި ބިލާ ދެކޮޅަށް މަސައްކަތްކުރާނެ ވަރކިން ގްރޫޕެއް އުފެއްދުމާއި، ސޯޝަލް މީޑިއާގައި ކެމްޕެއިންތަކެއް ހިންގުމަށްވެސް ނިންމާފައިވެއެވެ.

މީޑިއާ ކައުންސިލުން ފާހަގަކުރާގޮތުގައި، މި ބިލް ފަރުމާކޮށްފައިވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް އެޅޭގޮތަށެވެ. ބިލުގައި ހުށަހަޅާފައިވާ ކޮމިޝަން އެކުލެވިގެންވާ ގޮތާއި، މެމްބަރުން ވަކިކުރުމުގެ ބާރު ދީފައިވާ ގޮތުން، މަޖިލީހުގައި އެއިރެއްގައި އޮންނަ މެޖޯރިޓީ ޕާޓީއަކަށް މުޅި މީޑިއާ ދާއިރާ ކޮންޓްރޯލްކުރުމުގެ ފުރުޞަތު ލިބިދޭކަމަށް އެމްއެމްސީން ބުނެއެވެ.

މީޑިއާ ކައުންސިލުގެ ބަޔާނުގައި ވިދާޅުވީ، މި ބިލުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް މީޑިއާތަކުގެ މައްޗަށް ވަރަށް ބޮޑު ބާރެއް ލިބިދޭކަމަށާއި، މިއީ މީޑިއާތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ބޮޑު ހުރަހެއްކަމަށެވެ. މި ބިލާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެމްއެމްސީން ޢަޒުމްކަން ކަށަވަރުކޮށްފައިވެއެވެ.

މި ބިލާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި އިދިކޮޅު އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަފައްކަނީ، މި ބިލަކީ މީޑިއާގެ މިނިވަންކަމަށް ހުރަހެއް އެޅޭ ބިލެއް ނޫންކަމަށާއި، މީޑިއާތައް ރެގިއުލޭޓްކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށް ހުށަހެޅިފައިވާ ބިލެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.