ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފި

ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
19 އޮގަސްޓް 2025 04:33
0

ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ސަރުކާރުން ހަވާލުކޮށްފިއެވެ. މި މުހިންމު މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަންއާ އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފިއެވެ.

މާލެ، މީރުމާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރު އާއި ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ކުރާނީ ބައެއް ރަށްތަކަށް އައު އައުޓްޑޯ ޖިމްތައް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. އަދި މިހާރު ހުރި ބައެއް އައުޓްޑޯ ޖިމްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޒިންމާ ވެސް އެޗްޑީސީން އުފުލާނެއެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދުމަށް އެޗްޑީސީން ދޭ އެއްބާރުލުމުގެ އިތުރުން، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ޓަކައި މިފަދަ އިތުރު މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި މަޝްރޫއުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިބި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެއެވެ. އައުޓްޑޯ ޖިމްތަކަކީ އާންމު ރައްޔިތުންނަށް ހިލޭ ބޭނުންކުރެވޭ ވަސީލަތްތަކަކަށް ވާތީ، މި މަޝްރޫއުގެ ސަބަބުން ރަށްރަށުގެ އެންމެހައި އުމުރުފުރާތަކުގެ މީހުންނަށް ކަސްރަތުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.