ސައުދީގެ ނިންމުމާއިއެކު ރާއްޖެއިން ޤަތަރާއިއެކު ގުޅުން ޤާއިމް ކުރުމަށް ނިންމައިފި

ސައުދީގެ ނިންމުމާއިއެކު ރާއްޖެއިން ޤަތަރާއިއެކު ގުޅުން ޤާއިމް ކުރުމަށް ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 12:55
0

ޤަތަރާއިއެކު ސަޢުދީ ޢަރަބިއްޔާ، ޔޫއޭއީ، މިޞްރު އަދި ބަހުރައިނުން ޚާރިޖީ ގުޅުން އަލުން ޤާއިމްކުރަން ނިންމުމާއިއެކު ރާއްޖެއިންވެސް ޤަތަރާއިއެކު އަލުން ޤާއިމް ކުރަން ނިންމައިފިއެވެ.

ޤަތަރާއިއެކު އަލުން ގުޅުން ގާއިމްކުރަން ނިންމިކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ރާއްޖެއިން ގަތަރާއިއެކު އަލުން ގުޅުން ގާއިމް ކުރުމަށް ނިންމާފައިވާއިރު ސައުދީ އަރަބިއާގައި މިހާރު ކުރިޔަށް ގަލްފުގެ ގައުމުތަކުގެ ވެރިންގެ ސަމިޓުގައި، އަރަބި ބައެއް ގައުމުތަކާ ގަތަރާއި ދެމުދު އޮތް ސިޔާސީ މައްސަލަތަކަށް ނިމުން ގެނައުމަށް، ސުލްހައިގެ އެބްސްވުމެއްގައި ސޮއިކޮށްފައިވާކަމަށް، ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނު އިއްޔެވަނީ ވިދާޅުވެފައެވެ.

ގަލްފު ކޯޕަރޭޝަން ކައުންސިލްގެ 6 މެމްބަރު ގައުމުންވަނީ، ސައުދީގައި މި ސަމިޓް ބާއްވަމުންދާ އަލް-އެލަމާ ސިޓީގެ ނަމުން ނަންދީފައިވާ އަލް-އުލަމާ ޑެކްލަރޭޝަންގައި ސޮއިކޮށްފައެވެ. ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ޕްރައިމް މިނިސްޓަރ، އަދި ނާއިބްރައީސް، އަދި ދުބާއީގެ ރަސްގެފާނު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވެފައި ވަނީ، މިސަމިޓަކީ ކުރިޔަށް އެޅުނު ފިޔަވަޅެއްކަމުގައެވެ.

އަރަބި ގައުމުތަކުގެ މެދުގައި ސޮއިކޮށްފައިވާ މިއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައުލޫމާތު އަދި މީޑިއާތަކާ ހަމައަށް ތިލަވެފައި ނުވިނަމަވެސް، އެއްބަސްވުމަކަށް އަންނާނެކަމުގެ އުއްމީދު އެންމެ ފުރަތަމަ އާވެގެންއައީ، ސަމިޓް ބޭވުމުގެ ކުރީ ރޭގައި، ސައުދީ އަރަބިއާއިން، އެގައުމުގެ ބޯޑަރު އެއްވެސް ޝަރުތަކާ ނުލާ ގަތަރަށް ހުޅުވާލާނެކަން އިއުލާން ކުރެއްވި ހިސާބުންނެވެ.

2017 ވަނަ އަހަރުގެ ޖޫންމަހު، ސައުދީ އަރަބިއާ، މިސްރު، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި ބަހުރެއިނުންވަނީ، ގަތަރާއެކީ އޮތް ސިޔާސީ ގުޅުން ކަޑާލާ، އެއްގަމު މަގުންނާއި، ކަނޑު މަގުންނާއި އަދި ވައިގެ މަގުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިގައުމުތަކުން އޭރު ތުހުމަތު ކޮށްފައިވަނީ، ގަތަރުން އިރާނާއެކީ ތަފާތު ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަމަށާއި އަދި އެގައުމުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމުގައެވެ.

މި ގައުމުތަކާއެކު، ރާއްޖެއިންވެސް ވަނީ ގަތަރާއެކު އޭރުއޮތް ސިޔާސީ ގުޅުން ކަޑާލާފައެވެ. އަދި އެއަށްފަހު، ރަސްމީ ހައިސިއްޔަތުން ގަތަރުން ރާއްޖެއާ ސިޔާސީ ގުޅުން ގާއިމް ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.