ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ޒުވާނުންގެ އާބާދީގައި ފިރިހެން ކުދިން ގިނަކަމާއި، ރާއްޖޭގެ ޒުވާނުންގެ ތެރެއިން ބޮޑު ބައެއް ދިރިއުޅެމުންދަނީ މާލޭގައިކަން ހާމަ ވެއްޖެއެވެ.
މި އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ދިވެހިރާއްޖޭގެ ޒުވާނުންގެ ޖުމްލަ އާބާދީއަކީ 117،076 މީހުންނެވެ. މި އަދަދުގެ ތެރޭގައި ހިމެނޭ ފިރިހެން ޒުވާނުންގެ އަދަދަކީ 60،025 މީހުން ކަމަށާއި އަންހެން ޒުވާނުންގެ އަދަދަކީ 57،051 މީހުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އަންހެން ޒުވާނުންނަށްވުރެ ގާތްގަނޑަކަށް 3000 ފިރިހެން ޒުވާނުން އިތުރަށް ތިބިކަން ދައްކައިދޭ އަދަދެކެވެ.
ރާއްޖޭގެ ޒުވާނުންގެ ދިރިއުޅުން ބެހިފައިވާ ގޮތަށް ބަލާއިރު، މުޅި ޒުވާނުންގެ އާބާދީގެ ތެރެއިން 54،141 މީހުން ދިރިއުޅެމުންދަނީ ވެރިރަށް މާލޭގައެވެ. އަތޮޅުތަކަށް ބަލާއިރު ޒުވާނުން އެންމެ ގިނައިން ދިރިއުޅެނީ މާލެ އަތޮޅުގައި ކަމަށާއި، އެ އަތޮޅުގައި 8،679 ޒުވާނުން ދިރިއުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރ. އަތޮޅަކީ ޒުވާނުން ތިންވަނައަށް އެންމެ ގިނައިން ދިރިއުޅޭ އަތޮޅު ކަމަށްވާއިރު، އެ އަތޮޅުގައި 5،206 ޒުވާނުން ދިރިއުޅެއެވެ.
ވަޒީފާގެ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ ޒުވާނުންގެ ތެރެއިން 70 އިންސައްތަ މީހުން ވަޒީފާއެއް އަދާކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް ބާކީ 30 އިންސައްތަ ޒުވާނުންނަކީ ވަޒީފާއެއް އަދާނުކުރާ ނުވަތަ ވަޒީފާގެ ދާއިރާގައި ހަރަކާތްތެރިނުވާ ބައެކެވެ.
ކަންބޮޑުވުން އުފައްދާ ކަމަކީ، ޒުވާނުންގެ ތެރެއިން 46.6 އިންސައްތަ މީހުންނަކީ ވަޒީފާއެއްގައި ނުއުޅޭ އަދި މަތީ ތައުލީމު ހާސިލުކުރަން ނުދާ ބައެއްކަން ތަފާސްހިސާބުތަކުން ހާމަވުމެވެ. މި ނިސްބަތުގައި އަންހެން ޒުވާނުން ގިނަކަމަށާއި، ވަޒީފާއެއްގައި ނުއުޅޭ އަދި ތައުލީމު ހާސިލުކުރަން ނުދާ އަންހެން ޒުވާނުންގެ ނިސްބަތަކީ 34.5 އިންސައްތަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ވަޒީފާ އަދާކުރާ ޒުވާނުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަސައްކަތްކުރަނީ ރިސޯޓް ދާއިރާގައި ކަމަށާއި، ދެވަނައަށް ގިނަ ޒުވާނުން މަސައްކަތްކުރަނީ އެޑްމިނިސްޓްރޭޝަން އަދި ސަލާމަތީ ދާއިރާތަކުގައިކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.
ކޮމެންޓު ފޮނުވާ