ޓާމިނަލް 1 އިން ފިޓްސް އެއާއަށް ޚިދުމަތް ދޭން ފަށައިފި

ޓާމިނަލް 1 އިން ފިޓްސް އެއާއަށް ޚިދުމަތް ދޭން ފަށައިފި

Author
ޙަސަން މުޙައްމަދު
17 އޮގަސްޓް 2025 10:53
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލް ކަމަށްވާ ޓާމިނަލް 1 އިން ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން ކަމަށްވާ ފިޓްސް އެއާއަށް ޚިދުމަތް ދިނުން މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ އާ ޓާމިނަލުން ޚިދުމަތް ލިބެން ފެށި ހަތަރުވަނަ އެއާލައިން ކަމަށްވާއިރު، މިއީ މި ޓާމިނަލުން ޚިދުމަތް ދޭންފެށި ސްރީ ލަންކާގެ ފުރަތަމަ އެއަރލައިންއެވެ.

މި މުހިންމު ދުވަސް ފާހަގަކުރުމަށް ޓާމިނަލް އެކެއްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ޝަރަފުވެރިކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުޙައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުޖުތަބާ ލަޠީފު އާއި މުޙައްމަދު ލަމްއާން، ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިން ބައިވެރިވިއެވެ. ހަމައެއާއެކު ފިޓްސް ހޮލިޑޭސްގެ ޑިރެކްޓަރު އަނާހް ކާސިމް އާއި ފިޓްސް އެއާގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ޙަސަން މަނިކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގެ ތެރޭގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއެކު، އެ އެއާލައިނުން ފުރި 71 ފަސިންޖަރުންނަށް ޚާއްޞަ ހަދިޔާތައް ދެވުނެވެ. ޓާމިނަލް އެކަކަށް ކައިރިކުރި ފިޓްސް އެއާގެ ފުރަތަމަ މަތިންދާބޯޓަށް ޚާއްޞަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުޙަބާއެއް ކިޔުނެވެ.

ފިޓްސް އެއާއަކީ 2022 ވަނަ އަހަރު ރާއްޖެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ދަތުރުތައް ފަށައިގެން މިހާރު ދެ ގައުމުގެ ދެމެދު މުހިންމު ގުޅުމެއް ގާއިމުކޮށްދޭ އެއާލައިނެކެވެ.

މިހާރު ޓާމިނަލްްއިން ޚިދުމަތް ލިބެމުންދަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން، ޔޫއޭއީގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާ، އަދި ލަގްޒަރީ އެއާލައިން ބިއޮންޑް އަށެވެ. އެމްއޭސީއެލްއިން ބުނެފައިވަނީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ ފުރިހަމަ އަދި މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ކުންފުނީގެ އަމާޒު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.