ޣައްޒާގެ ހިޞޯރާ ދެކޮޅަށް ރާއްޖޭގައި ބޭއްވި ތާރީޚީ އެއްވުމަށް ދުނިޔޭގެ ސަމާލުކަން

ޣައްޒާގެ ހިޞޯރާ ދެކޮޅަށް ރާއްޖޭގައި ބޭއްވި ތާރީޚީ އެއްވުމަށް ދުނިޔޭގެ ސަމާލުކަން

Author
ޙަސަން މުޙައްމަދު
15 އޮގަސްޓް 2025 08:51
0

މިއަދު ހަވީރު މާފަންނު ޓާފު ދަނޑުގައި ކުރިއަށްދިޔަ ޤައުމީ ބޮޑު އެއްވުމަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގާ ޤަތުލްޢާންމު ހުއްޓުވުމަށް ގޮވާލައި، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއްވުމަށް ވެގެން ގޮސްފިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ އިސްނެގުމާއެކު ރާއްޖޭގެ އެތައް ޖަމްޢިއްޔާ ޖަމާޢަތްތަކެއް ގުޅިގެން ހަވީރު 4:30 ގައި ބޭއްވި މި އެއްވުމުގައި ދައުލަތުގެ ވަޒީރުން، ދީނީ ޢިލްމުވެރިން، އާންމު ރައްޔިތުންގެ އިތުރުން ބޭރު ޤައުމުތަކުގެ ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ. އެއްވުމުގައި ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް، އަދި މިނިވަން މުސްތަގިއްލު ފަލަސްޠީން ދައުލަތެއް ޤާއިމުކުރުމަށް ހަރު އަޑުތަކުން ގޮވާލެވުނެވެ.

މި އެއްވުމުގެ ޚާއްޞަ ކަމަކީ ޣައްޒާގެ ޤަތުލުޢާންމު ކައިރިން ތަޖުރިބާކޮށް، ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަން ސީދާ ދެކެފައިވާ ފަލަސްޠީނުގެ ދެ ބޭފުޅަކު ބައިވެރިވެ، އެބޭފުޅުންގެ ހިތްދަތި ތަޖުރިބާތައް ހިއްސާކުރެއްވުމެވެ. އެބޭފުޅުންގެ ވާހަކަތަކުން އެއްވުމުގައި ބައިވެރިވި ގިނަ ބަޔަކު ރޮވި، ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި އޮތް އެކުވެރިކަން އިތުރަށް ފާޅުކުރިއެވެ.

ރާއްޖޭގެ މި ތާރީޚީ އެއްވުން ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށް އައިސް، ޚާއްޞަކޮށް ޣައްޒާގެ ޚަބަރުތައް ސައްޙަކަމާއެކު ގެނެސްދޭ އަލްޖަޒީރާ ޗެނަލުން މި އެއްވުމުގެ މަންޒަރުތައް ދުނިޔެއަށް ފެތުރިއެވެ. މިކަމުން ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ދެކޭގޮތް ދުނިޔެއަށް ފާހަގަކުރެވިގެން ދިޔައެވެ.

މި އެއްވުމަކީ ވޭތުވެދިޔަ 18 އަހަރު ދުވަހު އިސްރާޢީލުން ޣައްޒާ ބަންދުކޮށްލާފައި ބާއްވާ ހިޞޯރުކުރުމާ ދެކޮޅަށް ދުނިޔޭގެ 44 ޤައުމެއް އެކުވެގެން ކުރިއަށްގެންދާ ގްލޯބަލް ސުމޫދު ފްލޯޓިލާ ހަރަކާތުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ކަމެކެވެ. 2007 ވަނަ އަހަރު އުފެދުނު މި ހަރަކާތުގެ މަޤްޞަދަކީ ޔަހޫދީ ދައުލަތުން ޣައްޒާގެ ކަނޑާއި ވައާއި އެއްގަމުގެ މަގުތައް ބަންދުކޮށް، އެރަށަށް ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ވެއްދުން މަނާކުރުމާ ދެކޮޅަށް އަޑު އުފުލުމެވެ.

ކަނޑު މަގުން ޣައްޒާއަށް ވަންނަން މަސައްކަތްކުރާ ބޯޓުތަކަށް އިންޑޮނޭޝިއާ ފަޅިން މީހުން އެރުމުގެ ކުރިން ދޭންޖެހޭ ތަމްރީނުތައް ދިނުމުގެ ޒިންމާ ރާއްޖެއިން އުފުލާނެއެވެ. މިއީ މިފަދަ އެންމެ ބޮޑު ބައިނަލްއަޤްވާމީ ހަރަކާތަކަށް ވެގެންދާނެ ކަމަށް ބެލެވޭއިރު، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ފުޅާވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.