މިސަރުކާރުން ވެރިކަމަށް އައުމަށްފަހު ކުރެވުނު އެންމެ ކޮސްކަމަކީ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުން ކަމުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ރަށު ބަންދުގައިތިބެ، ރ.އަލިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ރައީސް ޔާމީނަކީ ހަރުދަނާ ޤާބިލް ލީޑަރެއްކަން ދިވެހި ރައްޔިތުންނަށް ހެއްކާއިއެކު މިއަދު ފެންނަމުންދާކަމަށެވެ. ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވި ތަރައްޤީއާއި، ކުރިއެރުމަކީ އެމަނިކުފާނުގެ ޤާބިލްކަމާއިމެދު ރައްޔިތުންގެ ހިތުން ޖާގަލިބުނު އެންމެބޮޑު ސަބަބުކަމުގައެވެ. މިއަދު ރައީސް ޞާލިހާއި، ރައީސް ނަޝީދަށް، ރައީސް ޔާމީން ޖަލަށް ލައިގެން އުޅޭ އުޅުމަކީ ކާމިޔާބީއެއްކަމަށް ދެކުނު ނަމަވެސްއީ ކުރެވުނު ވަރަށް ކޮސް ކަމެއްކަމަށް މުންދު ވިދާޅުވިއެވެ.
ރައީސް ޔާމީން މިހާ ގިނަ ދުވަހު ނާއިސާފުން ޖަލުގައި ބޭއްވުމަކީ، ރައީސް ޞާލިހާއި، ނަޝީދަށް ކުރެވޭ އެންމެ ކޮސްކަންތައް. ރައީސް ޔާމީން ކައިރީ ފަތިގަނޑު ފިރުކާލެވޭ ވަރުގެ މީހެއް މިފަސްގަނޑުގައި މިހާރަކު ނެތް.
– މުންދު ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ދެކުނު އޭޝިޔާގައިވެސް ސިޔާސީ ގޮތުން އެންމެ ފުންނާބުއުސް އެއް ސިޔާސީ ޞަޚުސިއްޔަތަށްވާއިރު، ނުހައްގުން އެމަނިކުފާނު ޖަލަށްލައި، ދެމުންދާ އަނިޔާތަކަކީ، މިއަނިޔާދިން ފަރާތްތަކަށް މިކަންކަން ބައްދަލު ކުރާނެ ކަންތައްތަކެއް ކަމަށް މުންދު ވިދާޅުވިއެެވެ. ރައީސް ޔާމީން ޖަލުގައި 400 އަށްވުރެ ގިނަ ދުވަހު އޮންނެވި އޮންނެވުމަކީ ފަސޭހަ ކަމަކަށް ނުވިނަމަވެސް އެމަނިކުފާނު ދެން އެބުރި އަންނައިރު، ގެނެސްދެއްވާނެ ތަސައްވަރާއި، ކުރިއެރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އެންމެބޮޑު އުންމީދު ކަމަށް މުންދު ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ކަންކަން ތަސައްވަރު ކުރައްވާއިރު އަބަދުވެސް އެކަމުން ޤައުމަށާއި ރައްޔިތުންނަށް ހެވާއި ލާބަހުރި ގޮތަކަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނުގެ ފަރާތްޕުޅުން މިޤައުމަށް ލިބިގެންދާނެ ޚިދުމަތްތައް ދެކެން ބޭނުންވާ އެތައް ރައްޔިތަކު މިއަދުވެސް އިންތިޒާރު ކުރަމުންދާކަމަށް މުންދު ވިދާޅުވިއެެވެ. ރައްޔިތުން އެދޭ އުންމީތައް ހާސިލް ކުރުމަށް މިސަރުކާރަށް ހުރަސް އަޅައި އެކަންކަން ނުހުޓުވޭނެ ކަމަށާއި، މިސަރުކާރަށް ނުކުރެވޭ އަދި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ކަންކަން އަދިވެސް ކުރައްވާނީ ރައީސް ޔާމީންކަމަށް މުންދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ