ކައުންސިލް "އިންތިޒާރު" ފަސްކުރިޔަސް ކާމިޔާބެއް ނުލިބޭނެ: މުސްތަފާ

ކައުންސިލް "އިންތިޒާރު" ފަސްކުރިޔަސް ކާމިޔާބެއް ނުލިބޭނެ: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 10:58
0

ލޯކަލް ކައުންސިލް އިންތިޚާބު ކިތަންމެ ވަރަކަށް ފަސްކޮށް، އިންތިޚާބަށް ކުރަންޖެހޭ އިންތިޒާރު ދިގު ކުރިޔަސް މިސަރުކާރަށް އިންތިޚާބު ކާމިޔާބު ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ނުބާއްވައި ގިނަ ދުވަސްތަކެއް ވަމުންދާތީ ސަރުކާރުން މިކަމުގައި އަމަލު ކުރަމުންދާ ގޮތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ މުސްތަފާ ވިދާޅުވީ ސަރުކާރުން އިންތިޚާބު، އިންތިޒާރަކަށް ހަދާފައިވާކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނާއި، ނިމިދިޔަ ދެ އަހަރުގައި ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން، ރައްޔިތުންގެ ތާއީދެއް މިސަރުކާރަކަށް ނެތްކަން ހާމަވެފައިވާކަމަށެވެ.

އިންތިޚާބު ކިތަންމެ ވަރަކަށް ލަސްކޮށް، ފަސްކުރި ކަމުގައި ވީނަމަވެސް ސަރުކާރަށް މި އިންތިކާބު ކާމިޔާބް ނުކުރެވޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ. ރައްޔިތުން ޤައުމުގެ ވެރިކަން ހަވާލުކޮށް، ޤައުމުގެ ހުރިހާ ބާރެއް ހަވާލު ކުރުމުންވެސް ވެރިކަން ކުރަން ނޭގުމަކީ އެކަމުގެ ޒިންމާ ރައްޔިތުން ނަގަން ޖެހޭނެ ކަމެއް ނޫންކަމަށާއި، މިސަރުކާރަކީ ވެރިކަން ކުރުމުގެ ޤާބިލްކަމެއް ހުރި ބަޔަކު ތިބި ސަރުކާރެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޒާރު ފަސް ކުރުމަކީ ހައްލެއްނޫން! އިންތިޒާރު ފަސް ކުރުމަކުން ކާމިޔާބެއް ނުލިބޭނެ، ވެރިކަމެއް ވިޔަސް، ރަސްކަމެއް ވިޔަސް އެކަން ކުރަން ނޭގުމަކީ ވޯޓު ދޭން ތިބި ރައްޔިތުންގެ ބޮލުގައި އަޅުވަންވީ ކަމެއްނޫން. ދެން ދިނަސް ހަމަ ވާނީ އެވަރު. މިހާރު ރައްޔިތުންނަށް އެކަން އެގިއްޖެ.

– މުސްތަފާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އޮތް ހުރަހަކީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުކަމަށް އިލެކްޝަން ކޮމިޝަނުން ދަނީ ބުނަމުންނެވެ. ކޮމިޝަނުން ބުނެފައިވަނީ މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށެވެ.

ނަމަވެސް މަޖިލިސް މިހާރު ޗުއްޓީގައި އޮތުމާއި، ޤާނޫނަށް ބަދަލު ގެނައުމުގައި ސަރުކާރުގެ ވިސްނުން ހުރި ގޮތަށް ބަލާއިރު، މިކަން އެހާ އަވަހަށް ކުރުމަކީ ސަރުކާރުން އެހާ ބޭނުވާ ކަމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އިންތިޚާބު ބޭއްވުން ލަސްކުރަމުންދަނީ ސަރުކާރު ބޮޑު ތަނުން ބަލިވެ، ކައުންސިލް އިންތިޚާބާއިއެކީ މިސަރުކާރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވާނެތީކަމަށް އިދިކޮޅު ދަނީ ބަނަމުންނެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު ބާރުތައް ދޫކޮށްލަން ބޭނުން ނުވުމަކީވެސް އިންތިޚާބު ފަސްކުރާ އެއް ސަބަބުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންތިޚާބު ބާއްވާނެ ތާރީޚެއް ނޭގި ގިނަ ދުވަސްތަކެއް ވަމުންދާތީ ކައުންސިލް އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް 136 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.