ފުވައްމުލަކުން މަސް ގަތުން ފެށުމަށް މިފްކޯ ތައްޔާރުވަނީ

ފުވައްމުލަކުން މަސް ގަތުން ފެށުމަށް މިފްކޯ ތައްޔާރުވަނީ

Author
ހުސައިން
13 އޮގަސްޓް 2025 09:33
0

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިމަހުގެ ތެރޭގައި ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށާނެކަމަށް އިއުލާންކޮށްފިއެވެ. މިކަން ޔަގީންކޮށްދިނުމަށް މިފްކޯގެ ސީއީއޯ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާކަމަށް ކުންފުނިން ހާމަކުރެއެވެ.

މިފްކޯގެ ފަރާތުން ބުނެފައިވަނީ އޮގަސްޓު މަހުގެ ތެރޭގައި ފުވައްމުލަކުން މަސް ގަތުން ފަށައި، އޭގެ ފަހުން ދާއިމީ އުސޫލަކުން އެ ސިޓީން މަސް ގަންނަމުން ގެންދާނެކަމަށެވެ. މީގެ އިތުރުން ފުވައްމުލަކުގައި އަޅަމުންދާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މިއަހަރު ނިމި، ޚިދުމަތް ދިނުން ފެށޭނެކަމަށާއި، ޕްރޮސެސްކޮށް ތައްޔާރުކުރާ މަސް އެ ސިޓީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ ނިޒާމެއް ގާއިމުކުރެވޭނެކަމުގެ ޔަގީންކަން ދީފައިވެއެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ މަސްވެރިން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބާނާ މަސް ވިއްކާލުމުގައި ހުރި ދަތިތަކެވެ. މިގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުން މަސް ކިރުވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައި ނެތުމަކީ މަސްވެރިން އަބަދުވެސް ޝަކުވާ އުފުލަމުންދާ ކަމެކެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެކި ސަރަހައްދުތަކުން މަސް ގަތުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ރާވައި ތަންފީޒުކުރަމުންދާކަމަށް މިފްކޯއިން ބުނެއެވެ. މިގޮތުން އައްޑޫ ސިޓީން ގަންނަ މަސް ކުޅުދުއްފުށްޓަށް ނުގެންގޮސް ސީދާ އައްޑޫންވެސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށާއި، އައްޑޫ ސިޓީގައި މަހަށް އިތުރު އަގެއް ލިބޭނެ ގޮތަށް ވެލިއު އެޑް ކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށުމަށް ރާވާފައިވާކަމަށް ކުންފުނިން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.