24 ގަޑިއިރު ތެރޭ ޣައްޒާގައި ފަލަސްޠީނުގެ 89 މީހުން ޝަހީދު ކޮށްފި، ބަނޑުހައި ހޫނުކަމުގައި 5 ކުދިން ޝަހީދުވެއްޖެ

24 ގަޑިއިރު ތެރޭ ޣައްޒާގައި ފަލަސްޠީނުގެ 89 މީހުން ޝަހީދު ކޮށްފި، ބަނޑުހައި ހޫނުކަމުގައި 5 ކުދިން ޝަހީދުވެއްޖެ

Author
ހުސައިން
13 އޮގަސްޓް 2025 09:15
0

އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ގުރައުންޑް އޮޕަރޭޝަންތަކުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 89 ފަލަސްޠީނުން ޝަހީދުވެ، 513 މީހުން ޒަޚަމްވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 31 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ޣައްޒާގައި ކާބޯތަކެތީގެ ހާލަތު ނިހާޔަތަށް ދަށްވެފައިވާއިރު، ކާނާ ނުލިބިގެން 5 އަހަރުގެ ކުއްޖަކު ހިމެނޭގޮތަށް 5 ކުޑަކުދިން މަރުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ. އަންރުވާގެ މަޢުލޫމާތު ދައްކާގޮތުން ޣައްޒާ ސިޓީގައި ކޮންމެ 5 ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ކާނާގެ ނިކަމެތިކަން ކުރިމަތިވެފައިވާއިރު، ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ ބަނޑުހައިހޫނުކަމުގެ ކާރިސާ ހުއްޓުވުމަށް ކޮންމެ ދުވަހަކު މަދުވެގެން 100 އެހީގެ ޓްރަކު ޣައްޒާއަށް ވަންނަން ޖެހޭ ކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރިން ޓާގެޓުކޮށް މަރާލުމާ ގުޅިގެން އ.ދ.ގެ ހާއްސަ މަންދޫބުން ކަމުގައިވާ އައިރީން ޚާން އާއި ފްރެންސެސްކާ އަލްބާނީޒް ވަނީ އިސްރާއީލަށް ކަޑައެޅި ފާޑުކިޔާފައެވެ. އެ ބޭފުޅުން ވިދާޅުވީ އިސްރާއީލުން ނޫސްވެރިންނަށް ޓާގެޓުކޮށް ހަމަލާދެނީ އެ ގައުމުން ހިންގާ ޖަރީމާތައް ދުނިޔެއަށް ނުފެންނާނެހެން ހެދުމަށް ކަމަށާއި، މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.

އިސްރާއީލުގެ ފައިޓަރ ޖެޓްތަކުން އަންގާރަ ދުވަހު ހެނދުނު ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި ހުރި ސިޔާމް އާއިލާގެ ގެއަށް ބޮމް ޖަހައި، އެ ގޭގައި ތިބި އެތައް މީހަކު މަރުވެފައިވެއެވެ. އަންގާރަ ދުވަހުގެ ތެރޭގައި އެކަނި ޣައްޒާގެ އެކި ސަރަހައްދުތަކުން 67 މީހުން ޝަހީދުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފުތާގައި ހަމާސްގެ އިސް ވަފުދެއް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް މިސްރުގެ ގާހިރާއަށް ގޮސްފައިވެއެވެ. ހަމާސްގެ ސިޔާސީ ބިއުރޯގެ ލީޑަރު ޚަލީލް އަލް-ހައްޔާ ބައިވެރިވެވަޑައިގަންނަވާ މި މަޝްވަރާތަކުގައި މިސްރުގެ މެދުވެރިންނާއެކު އިސްރާއީލުން ޣައްޒާ ދާއިމީ ގޮތެއްގައި ހިފަހައްޓަން ރާވާފައިވާ ޕްލޭންތަކާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށް ބެލެވެއެވެ.

ޔޫރަޕިއަން ޔޫނިއަން، ކެނެޑާ އަދި އޮސްޓްރޭލިއާ ހިމެނޭގޮތަށް 24 ގައުމެއްގެ ފޮރިން މިނިސްޓަރުން ވަނީ ޣައްޒާގައި ކުރިމަތިވެފައިވާ އިންސާނީ ކާރިސާ ނިމުމަކަށް ގެނައުމަށް ގޮވާލާ ބަޔާނެއް ނެރެފައެވެ. މި ގައުމުތަކުން ގޮވާލާފައިވަނީ އެހީގެ ތަކެތި ޣައްޒާއަށް ވަނުމަށް ހުރި ހުރަސްތައް ނައްތާލައި، ސިވިލިއަންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.

ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކޭ ރަސްމުސެން ވިދާޅުވެފައިވަނީ އުރުދުން އާއި ޔޫ.އޭ.އީ އާ ގުޅިގެން ޣައްޒާއަށް ވައިގެ މަގުން އެހީގެ ތަކެތި އެޅުމުގެ މަސައްކަތުގައި ޑެންމާކު ބައިވެރިވާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ މިއީ އެންމެ އެދެވޭ ގޮތް ނޫން ނަމަވެސް، މިހާރުގެ ނާޒުކު ހާލަތުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.