ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ ޕާސްޕޯޓު ދޫނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ. މިގޮތަށް އެދިފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކަށް ރިއާޔަތްކޮށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ފެނަކައިގެ އެމްޑީ ކަމުގައި ހުންނެވި ސައީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 9 ގައެވެ. އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން، ޝަރީއަތް ނިމެންދެން ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ.
މި އަހަރުގެ މޭ މަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް މެޑިކަލް ޑޮކިއުމަންޓުތަކާއެކު ސައީދު އެދުނުއިރު، 15 ދުވަހުގެ މުއްދަތަށް ޓްރެވެލް ޑޮކިއުމަންޓެއް ދޫކުރުމަށް އިއުތިރާޒެއް ނެތްކަމަށް ޕީޖީ އޮފީހުން ކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެފަހުން ލިބުނު އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް، ސައީދު ރާއްޖެއިން ބޭރަށް ދިއުމަށް ނުވަތަ ޕާސްޕޯޓު ދޫކުރުމަށް އިއުތިރާޒުކުރާކަމަށް ޕީޖީ އޮފީހުން ކޯޓަށް އަންގާފައިވެއެވެ.
ސައީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ޕްރޮޖެކްޓްތައް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ މައްސަލަތައް ހިމެނެއެވެ.
ސައީދުގެ ފަހުން ފެނަކައިގެ އެމްޑީ ކަމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި، އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތައް ނިންމުމަށް ބިލިއަނެއްހާ ރުފިޔާ އިތުރަށް ހަރަދުކުރަންޖެހިފައިވެއެވެ. ރައީސް ޞާލިޙްގެ ވެރިކަން ނިމުނުއިރު، ފެނަކަ ވަނީ މާލީ ގޮތުން ފުން އަނދަވަޅަކަށް ވެއްޓިފައި ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ