ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓް ލައިސަންސް ކިޔަވަމުން އަންނަ 127 ދަރިވަރުންގެ ތެރެއިން 52 ދަރިވަރަކަށް ޓޮޕް އަޕް ލޯނު ދިނުމަށް ނިންމައިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މި ވާހަކަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
ޓޮޕް އަޕް ލޯނަށް 72 ދަރިވަރަކު އެދުނު ނަމަވެސް، 20 ދަރިވަރެއްގެ ޝަރުތު ހަމަނުވާ ކަމަށް ހައިދަރު ވިދާޅުވިއެވެ. މި ލޯނުގެ ދަށުން ގިނަވެގެން ހަތްލައްކަ ރުފިޔާ ދޫކުރާނެ ކަމަށާއި، ދަރިވަރުން އިންޓްރެސްޓެއް ދައްކަން ނުޖެހޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވިއެވެ.
ސްޕެއިންގައި ޕައިލެޓު ލައިސަންސް ކިޔެވުމަށް ދަރިވަރަކަށް ދެ މިލިއަން 65 ހާސް ރުފިޔާ ޚަރަދުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ދަރިވަރުންނަށް ދިމާވެފައިވާ ވިސާގެ ދަތިކަން ހައްލުކުރުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މަސައްކަތްކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓްރީއާއި ދަރިވަރުންނާ ދެމެދު ވަގުތުން ވަގުތަށް މުއާމަލާތުކުރުމަށް ޚާއްސަ ވަޓްސްއަޕް ނަމްބަރެއް ތައާރަފުކޮށްފައިވާ ކަމަށާއި، ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް އޮކްޓޯބަރު މަހުގެ ކުރިން އެޕެއް ތައާރަފުކުރާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.
ދަރިވަރުންގެ ފަރާތުން މިދިޔަ އޭޕްރިލް މަހު މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނުގައި، ލޯނު ގަވައިދުން ނުލިބުމާއި، ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އެކަށީގެންވާ ސްޓައިޕެންޑެއް ނުލިބުން ފަދަ މައްސަލަތައް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ