ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގައި އެއް ޝިއާރަކީ ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވެއްދުން ނަމަވެސް އައްޑޫ ސިޓީގައި ރައްޔިތު މީހާގެ ޖީބަށް ޕައުންޑް ވަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެ ދެއްކެވި ވާހަކަ ތަފްސީލު ކޮށްދެއްވައިފި އެވެ.
އައްޑޫ ސިޓީގައި ބޭއްވި "ބްރިޓިޝް ލޯޔަލްޓީ" ޝިޕްރެކަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ރައްޔިތުންގެ ސިނާއަތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ހެދުން ކަމަށެވެ. އަދި ފަތުރުވެރިކަމާ އެއްވަރަކަށް މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި 3 ސިނާޢަތަކީވެސް ގުޅި ލާމެހިފައިވާ 3 ސިނާޢަތްކަމަށެވެ.
" އަޅުގަނޑުމެން އާންމުކޮށް ވާހަކަ ދައްކާއިރު ކިޔަނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ވާހަކަ އެހެންނަމަވެސް އައްޑޫސިޓީގައި އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ޖީބަށް ޕައުންޑް ވަންނާނޭ"
– ޑރ.މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރގެ މިވާހައާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދައްކަމުން ދިޔަ ވާހަކަތަކަށް އިޝާރާތްކޮށް މިނިސްޓަރ ވިދާޅުވީ މިފަދަ ގޮތަކަށް ވިދާޅުވީ އައްޑޫސިޓީގެ ޓުވަރިޒަމްގައި އަންނަ ގިނަ ފަތުރުވެރިންނަކީ އިނގިރޭސި ވިލާތައް ނިސްބަތްވާ މީހުންކަމަށް ވުމުންކަމަށެވެ.
އައްޑޫ ސިޓީއަށް ޓުވަރިޒަމް އިން ވަންނާނީ ޕައުންޑޭ ބުނި ބަހުގެ މާނަ އެއީ އައްޑޫ ސިޓީޢަށް އެންމެ ބޯކޮށް އަންނަ ފަތުރުވެރިންގެ ތެރޭގައި އިނގިރޭސީން ހިމެނޭނެ ކަމަށް ބެލެވޭ ވާހަކަ. ޝުކުރިއްޔާ
– މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
Adducity ah tourism in vannaanee Poundey buni bahuge maana ee #AdduCity ah emme boakon anna fathuruveringe thereygai In'gireyseen himeneyne kamah belevey vaahaka. Shukuriyyaa.
— Abdulla Mausoom (@Mausoom_Maus) January 5, 2021
މިނިސްޓަރ މައުސޫމްގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް މި އަހަރު ބާއްވާނީ އައްޑޫ ސިޓީގައި ކަމަށް ވިދާޅުވެފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރު 27 ވަނަ ދުވަހެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ފަރާތުން އައްޑޫގެ މޭޔަރު ސޯދިގް ދެއްވި ދައުވަތު ބަލައިގަންނަ ކަމަށެވެ. އަދި މި އަހަރު ފާހަގަކުރާނެ ފަތުރުވެރި ކަމުގެ ދުވަހުގެ ހަރަކާތްތަކުގެ މައި ހަރަކާތްތައް އޮންނާނީ އައްޑޫގައި ކަމަށް މިނިސްޓަރު އިއުލާން ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ