އެންސިސް ފިޝަރީޒްގެ ހުޅުމާލޭ މަސް ކާރުހާނާ ވިއްކާލުމަށް މިފްކޯގެ އިތުރުން ޗައިނާ އަދި ސައުދީ އަރަބިއްޔާގެ ކުންފުނިތަކާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
މިފްކޯއާ އެކު 32 މިލިއަން ޑޮލަރަށް ކާރުހާނާ ވިއްކާލުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް މީގެ ކުރިން ރިޕޯޓްތަކުން ހާމަވެފައިވާއިރު، އެންސިސްއިން ބުނީ ކާރުހާނާގެ އަގާ ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.
2019 ވަނަ އަހަރު ޖަރުމަނު ޑިވެލޮޕްމަންޓް ބޭންކާއި ރާއްޖޭގެ ބޭންކުތަކުގެ ލޯނުގެ އެހީގައި ގާއިމުކުރި މި ކާރުހާނާއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ، އެންސިސްގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ސަރުކާރުން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން ކާރުހާނާ ބަންދުކުރަން މަޖުބޫރުވި ކަމަށާއި، އޭގެ ސަބަބުން 400 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ ގެއްލިފައިވާ ކަމަށް އެންސިސްއިން ބުނެފައިވެ އެވެ.
ޔޫރަޕާއި އެމެރިކާގެ ސުޕަމާކެޓްތަކަށް ދިގު މުއްދަތުގެ ކޮންޓްރެކްޓްތަކުގެ ދަށުން ދަޅުމަސް އެކްސްޕޯޓްކުރަމުން އައި ކާރުހާނާ ބަންދުކުރުމުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އެންސިސްއިން ފާހަގަކޮށްފައިވެ އެވެ.
މިފްކޯ ގެއްލުމުގައި ހިންގަމުން ދާއިރު، އެ ކުންފުންޏަށް ދެވަނަ ކާރުހާނާއެއް ގަތުމަކީ ރަނގަޅު ފިޔަވަޅެއް ނޫން ކަމަށް ބުނެ ދާއިރާގެ ތަޖުރިބާކާރުންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުން ގެންދެ އެވެ. މިފްކޯއަށް މިދިޔަ އަހަރު އެކަނި 166 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ