ރައީސް މުއިއްޒާ ރައީސްކަމާ ހަވާލުވުން ލަސްވިނަމަ ގައުމު ހަލާކުވީސް: ސަލީމް

ރައީސް މުއިއްޒާ ރައީސްކަމާ ހަވާލުވުން ލަސްވިނަމަ ގައުމު ހަލާކުވީސް: ސަލީމް

Author
ހުސައިން
12 އޮގަސްޓް 2025 12:20
0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުން ލަސްވިނަމަ ދިވެހިރާއްޖެ "ހަލާކުވެގެން" ދާނެކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ 13 ރަށަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ދަތި ހާލަތެއްގައި ކަމަށެވެ. ދައުލަތާއި ސަރުކާރު ކުންފުނިތައް އޮތީ ބިލިއަންތަކުން ދަރާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސަލީމް ވިދާޅުވީ، އަންނަ އަހަރު 20 ބިލިއަން ރުފިޔާގެ ދަރަނި ދައްކަންޖެހޭ ކަމަށާއި، މުވައްޒަފުންގެ މުސާރައަށް 14 ބިލިއަން ރުފިޔާ ހަރަދުވާއިރު، ދައުލަތުގެ ޖުމްލަ އާމްދަނީ އަކީ 34-35 ބިލިއަން ރުފިޔާ ކަމަށެވެ.

"ހަމައެކަނި ލޯނު ދައްކައި މުވައްޒަފުންގެ މުސާރަ ދޭން މުޅި ދައުލަތުގެ އާމްދަނީ ހުސްވެގެން ދިޔައީ. އޮފީސްތައް ހިންގުމަށާއި، އިޖްތިމާއީ ކަންކަމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރާނެ ފައިސާއެއް ނެތް،" ސަލީމް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ މުހިންމު މަގުސަދަކީ ގައުމު ސަލާމަތްކުރުން ކަމަށާއި، ވެރިކަމާ ހަވާލުވުން އިތުރަށް ލަސްވިނަމަ ގައުމުގެ އިގްތިސާދީ ހާލަތުގެ އިތުރުން އިޖްތިމާއީ ހާލަތު ވެސް ގޯސްވީސްކަމަށް ސަލީމް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް އެންމެ އަވަސް ސްޕީޑުގައި ކުރިއަށް ނުދާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވި ސަލީމް، އެކަމަށް ހުރަސްތަކެއް ހުރި ނަމަވެސް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްވެސް ޖެހިލުމަކާ ނުލައި ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު އިގްތިސާދު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި، އޭރު މަޖިލީހުގައި ތިބި އިދިކޮޅު މެންބަރުން ބަޖެޓު ފާސްކޮށްދިނީ ސަރުކާރުން ބޭނުންވި މުހިންމު ކަންކަން ނުހިމަނައި ކަމަށެވެ.

ރާއްޖޭގެ ހުރިހާ ދާއިރާއެއް އޮތީ ނާޒުކު ހާލަތުގައި ކަމަށާއި، ދަރަނީގެ ހާލަތުގެ ވާހަކަ ރައްޔިތުންނަށް ދޭތެރެދޭތެރެއިން ހަނދާންކޮށްދޭންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.