ބ. ކަމަދޫގެ ކަނެކްޓިވިޓީ އިތުރަށް ރަނގަޅުކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އެ ރަށަށް ސީޕްލޭން ހިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވިއަން އާއި ހޯކްސް ހޮޓެލާ ދެމެދު މިއަދު ރަސްމީ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިގެން ބޭއްވުނު މި ރަސްމިއްޔާތަކީ، އެމަނިކުފާނު ބ. އަތޮޅުގެ 13 ރަށަކަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ތާރީޚީ ހަފްލާއަށް ކަމަދޫ ރައްޔިތުންގެ ގިނަބަޔަކު ހާޒިރުވި،އެވެ.
އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުސައިން އަމާންއެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ކަމަދޫއަށް ވައިގެ މަގުން ސީދާ ގުޅުމެއް ޤާއިމްވެ، ފަތުރުވެރިންނަށް އެ ރަށަށް ދިއުން ފަސޭހަވާނެއެވެ.
ގެސްޓްހައުސް ޓޫރިޒަމްގައި ނަން ހޯދާފައިވާ ކަމަދޫއަކީ، ޚާއްޞަކޮށް އީދު ފަދަ ބަންދު ދުވަސްތަކުގައި ދިވެހި ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ރަށްތަކުގެ ތެރެއިން ރަށެކެވެ. ކަމަދޫ ކައުންސިލުން ބުނާ ގޮތުގައި، ސީޕްލޭން ހިދުމަތް ލިބެން ފެށުމާއެކު އެ ރަށުގެ ޓޫރިޒަމް ސިނާއަތަށް އާރޯކަން އައިސް، ބޭރުގެ ފަތުރުވެރިންނަށް ވެސް އެ ރަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ފަހިވާނެ ކަމަށް އުންމީދުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކަމަދޫއަށް އިތުރު ތަރައްޤީގެ މަޝްރޫޢުތަކެއް ވެސް ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި ކަމަދޫ ސްކޫލަށް އާ އިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިމެނޭއިރު، އެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކުރެވުނެވެ. މި އިމާރާތް ނިމުމުން ކަމަދޫގެ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތަކާއެކު ތަޢުލީމް ހާސިލުކުރެވޭނެ މާހައުލެއް ޤާއިމްވާނެއެވެ.
ރައްޔިތުންގެ ދުވަހުން ދުވަހަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން، ކަމަދޫގައި 24 ގަޑިއިރު މަސައްކަތްކުރާ އޭޓީއެމް މެޝިނެއް ވެސް މިއަދު ޤާއިމްކޮށް، ހިދުމަތްދޭން ފެށިއެވެ. މިހާތަނަށް އެ ރަށުގެ ރައްޔިތުން ފައިސާ ނެގުމަށާއި ޖަމާކުރުމަށް ދިމާވަމުން އައި ދަތިތައް މި ހިދުމަތް ލިބެން ފެށުމުން ހައްލުވެގެންދާނެއެވެ.
މި ތަރައްޤީގެ މަޝްރޫޢުތަކަކީ ކަމަދޫގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ރައްޔިތުން ދެކެމުން ގެންދާއިރު، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްޤީގެ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި މި މަޝްރޫޢުތައް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ