މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތުތަކުގެ ގޮތުގައި ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކުން ސަރުކާރުގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާއެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރުދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެއެވެ. އަދި ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއްނަމަ، ހިންގުމުގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
ޕަރމަނަންޓް ސެކްރެޓަރީ މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20,500 ރުފިޔާއެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15,000 ރުފިޔާ ލިބޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދީފައިވެއެވެ.
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެއެވެ. ލިޔެކިޔުންތައް ހުށަހެޅުމަށް ކޮމިޝަނަށް ޒިޔާރަތްކުރުމުގެ އިތުރުން އީމެއިލް މެދުވެރިކޮށްވެސް ފޮނުވިދާނެކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ. މި އިމްތިހާނުތައް 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް މާލޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ