ތެލެސީމިއާ ސެންޓަރުން ލޭ އެޅުން މެދުނުކެނޑޭ، ކަރަންޓު ކެނޑުނުއިރުވެސް ބެކްއަޕް ހުރި: ސީއީއޯ

ތެލެސީމިއާ ސެންޓަރުން ލޭ އެޅުން މެދުނުކެނޑޭ، ކަރަންޓު ކެނޑުނުއިރުވެސް ބެކްއަޕް ހުރި: ސީއީއޯ

Author
ހުސައިން
09 އޮގަސްޓް 2025 02:11
0

މިއަދު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނުއިރު ތެލެސީމިއާ ސެންޓަރުން ލޭ އެޅުން މެދުކެނޑުނުކަމަށް ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫންކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙީމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 09:30 ގައި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމަށްފަހު، އެކްސް (ޓްވިޓަރ) ގައި ރާއްޖޭގެ މީޑިއާއެއް ހިންގަވާ ފަރާތަކުން ކުރެއްވި ޕޯސްޓެއްގައި ވަނީ، ކަރަންޓު ބެކްއަޕް ނެތިގެން ތެލެސީމިއާ ބަލިމީހުންނަށް ލޭ އެޅުން މެދުކަނޑާލަންޖެހުނުކަމަށާއި، ކަރަންޓު ގިނައިރުވާނަމަ ރައްކާކުރެވިފައިވާ ލޭ ހަލާކުވެދާނެކަމަށް ބުނެފައެވެ.

ނަމަވެސް މި ވާހަކަތަކަށް ރައްދުދެއްވަމުން ސީއީއޯ ހަލީމް ވިދާޅުވީ، ކަރަންޓު ކެނޑުނު ވަގުތުވެސް ތެލަސީމިއާ ސެންޓަރުގައި ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓް ހުރިކަމަށާއި، އޭގެ އިތުރުން ވަގުތުން ބެކްއަޕް ކަރަންޓް ވެސް ފޯރުކޮށްދިންކަމަށެވެ. އެހެންކަމުން ލޭ އެޅުން އެއްވެސް ވަގުތަކު މެދުކަނޑާލާފައި ނުވާކަމަށް ހަލީމް ސާފުކޮށްދެއްވިއެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ކްރޮސްމެޗް ހެދުން 5 މިނިޓް ވަރަކަށް މަޑުކޮށްލަންޖެހުނު ނަމަވެސް، އެއީ ބޮޑު މައްސަލައެއް ނޫންކަމަށާއި، ރައްކާކޮށްފައި ހުންނަ ލޭގެ ފެންވަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަން ދެއްވާކަމަށް ހަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދޭފަދަ ތެދުނޫން މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް ހަލީމް އިލްތިމާސްކުރެއްވިއިރު، މިފަދަ ނާޒުކު ޚިދުމަތްތަކާ ގުޅޭގޮތުން ޔަގީން މަޢުލޫމާތު ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިއަދު މާލެއާއި ހުޅުމާލެއިން ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ ވަރަށް ކަރަންޓު ކެނޑިފައިވާއިރު، މިއީ ފާއިތުވި ދުވަސްތަކުގައިވެސް ތަކުރާރުވަމުންދާ މައްސަލައެކެވެ. އެހެންނަމަވެސް، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ބެކްއަޕް ސިސްޓަމްތައް ޤާއިމުކޮށްފައި ހުރުމުން، ނާޒުކު ޚިދުމަތްތަކަށް ދަތިނުވާކަން ފާހަގަކުރެވެއެވެ.

ހުޅުމާލޭގެ އޮރެންޖް ހިޔާއަށް މިދިޔަ މެއި މަހުގެ ފަހުކޮޅު ބަދަލުކުރެވުނު މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގައި މިހާރު ދެމުންދާ ޚިދުމަތްތަކަށް މިއަދުގެ ކަރަންޓް ކެނޑުމުން އެއްވެސް އުނދަގޫއެއް ނުވިކަމަށް ޒިންމާދާރު ފަރާތްތަކުން ޔަގީންކަން ދެއްވައިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.