ފަލަސްތީނުގެ ޣައްޒާ ސަރަހައްދު ފުރިހަމައަށް އިޒްރޭލްގެ ބާރުގެ ދަށަށް ގެނައުމަށް އެ ގައުމުން ނިންމި ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން އިންކާރުކޮށްފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ވަނީ މި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނާ ސީދާ ހިލާފު އަމަލެއް ކަމުގައި ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުން ފާހަގަކުރި ގޮތުގައި އިޒްރޭލްގެ މި ހަރަކާތަކީ ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމުގެ ހައްގަށް ކުރާ ހަމަލާއަކަށް ވާއިރު، އެ ގައުމުގެ ސިޔާދަތަށް އަރައިގަތުމެއް ކަމުގައި ވެސް ބެލެވެއެވެ. މި ސަބަބުތަކާހުރެ ބައިނަލްއަގްވާމީ މުޖުތަމައުގެ އެންމެހާ ފަރާތްތަކުން މި ނިންމުން ތަންފީޒު ނުކުރުމަށް ބާރުއަޅައި، އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަޅަން ޖެހޭކަމަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ފަލަސްތީނުގައި އިޒްރޭލުން ދެމުންދާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވުމަށާއި، އެ ގައުމު ޖަވާބުދާރީ ކުރުވުމަށް ޓަކައި ދިވެހިރާއްޖެއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެއެވެ. ހަމައެއާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ މިނިވަން ދައުލަތެއް އުފެއްދުމުގެ ހައްގު ލިބިދިނުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މި މައްސަލައަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދުމަށް ޓަކައި 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހަމަޖައްސައިގެން، މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ