ދުންފަތް ހުއްޓާލާ ރަށްތަކަށް ސަރުކާރުން އިނާޔަތް ދިނުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދަނީ

ދުންފަތް ހުއްޓާލާ ރަށްތަކަށް ސަރުކާރުން އިނާޔަތް ދިނުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދަނީ

Author
ހުސައިން
08 އޮގަސްޓް 2025 08:39
0

ދުންފަތުގެ އިސްތިއުމާލު އެއްކޮށް ހުއްޓާލާ ރަށްތަކުގެ ރައްޔިތުންނަށް މާލީ އިނާޔަތެއް ދިނުމާ ބެހޭގޮތުން އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހެލްތު މިނިސްޓްރީން ހުޅުވާލާއިފިއެވެ. މިކަމުގެ މަޤްޞަދަކީ ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ ގެއްލުންތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމާއި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ.

މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސާވޭގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކުރެވޭނެއެވެ. ލިބޭ މައުލޫމާތު ބޭނުންކުރެވޭނީ ހަމައެކަނި ދިވެހިރާއްޖޭގައި ދުންފަތުގެ ބޭނުން ކުޑަކުރުމުގެ ސިޔާސަތުތައް އެކުލަވާލުމަށް ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި މުހިންމު ފިޔަވަޅާ ބެހޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖޫން މަހު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ވިދާޅުވެފައިވަނީ، ދުންފަތް ބޭނުންނުކުރާ ރަށްތަކުގެ ކޮންމެ ރައްޔިތަކަށް ބޭންކް އެކައުންޓް މެދުވެރިކޮށް މާލީ އިނާޔަތެއް ދިނުމާ ބެހޭގޮތުން ދިރާސާއެއް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅޭ ސިޔާސަތު ކަރުދާހެއް އެކުލަވާލުމަށް ކަމާބެހޭ ވަޒީރުންނަށް އެންގެވިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދުންފަތާ ދެކޮޅަށް މިފަދަ އިސްނެގުންތައް ދިވެހިރާއްޖޭގައި އާ ކަމެއް ނޫނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވެސް ދުންފަތް ނުބޭނުންކުރާ ބެލެނިވެރިންގެ ދަރިންނަށް ސްކޫލު ފޮތް ހިލޭ ދިނުންފަދަ ޕްރޮގްރާމްތައް ހިންގާފައިވެއެވެ.

މިހާރުގެ ސަރުކާރުން ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓަށް ނަގާ ޑިއުޓީ ބޮޑުކުރުމާއި، ވޭޕް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރުން ހިމެނެއެވެ. ވޭޕް މަނާކުރި ސަބަބަކީ ޚާއްޞަކޮށް ޒުވާނުންނާއި ސްކޫލު ކުދިންގެ މެދުގައި އޭގެ ބޭނުން އިތުރުވަމުން އައުމެވެ. މިހާރު ވޭޕާ ގުޅޭ އެންމެހައި ކަންކަމަކީ ގާނޫނީ ކުށެއް ކަމުގައި ހަމަޖެހިފައިވާއިރު، މިކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅެމުން އަންނަކަން ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

އެހެންނަމަވެސް ދުންފަތާ ގުޅޭ އެހެން ގަވާއިދުތައް ތަންފީޒުކުރުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރެވެއެވެ. މިސާލަކަށް އާންމު ތަންތަނުގައި ދުންފަތު ބޭނުންކުރުން މަނާ ގަވާއިދު ހަދާފައިވީނަމަވެސް، މި ގަވާއިދު ތަންފީޒުކުރެވެނީ ވަރަށް މަދުންނެވެ. އަދި ވަކި ބާވަތްތަކުގެ ސިނގިރޭޓް ވިއްކުން މަނާކޮށްފައިވާއިރު، އެކަން ވެސް ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުން އަންނަކަން ފެންނަން އެބަހުއްޓެވެ.

ދުންފަތުގެ އިސްތިއުމާލު ކުޑަކުރުމަށް ސަރުކާރުން ކުރައްވާ މި އައު އިސްނެގުމަކީ، ދިވެހި މުޖުތަމައުގެ ސިއްހަތު ރައްކާތެރިކުރުމަށް އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމުގައި ސިއްހީ ޚިދުމަތްތެރިން ދެކެއެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު، މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތްތައް ސާފުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.