މިއަދަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ދުވަސް ކަމުގައި ފާހަގަކުރާ މުހިންމު ދުވަހެކެވެ. 2008 ވަނަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހު، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވި ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާތާ މިއަދު 17 އަހަރު ވަނީ ފުރިފައެވެ.
ރާއްޖޭގެ ދުސްތޫރީ ތާރީހަށް ނަޒަރު ހިންގާލާއިރު، ލިޔެވިފައިވާ ގާނޫނުއަސާސީއެއް މެދުވެރިކޮށް ދައުލަތް ހިންގަން ފެށުނީ 1932 ވަނަ އަހަރުގައެވެ. 92 މާއްދާ ހިމެނޭ އެ ފުރަތަމަ ގާނޫނުއަސާސީގައި ރައްޔިތުންގެ އަސާސީ ހައްގުތަކާއި، ވެރިކަން ހިންގުމުގެ އުސޫލުތަކާއި، ގާނޫނު ހެދުމުގެ ނިޒާމް ކަނޑައަޅާފައިވެއެވެ.
1934 ގައި ދެވަނަ ގާނޫނުއަސާސީއެއް ތަޢާރަފު ކުރެވުނު އިރު، އޭގެ ފަހުން އެކި ދުވަސްވަރު އިސްލާހުތައް ގެނެވުނެވެ. 1937 ގައި ގެނެވުނު ބަދަލުތަކަށްފަހު، 1942 ގައި 17 މާއްދާ އެކުލެވޭ "ކުޑަ ގާނޫނުއަސާސީ" އެކުލަވާލެވުނެވެ. 1951 ގައި އިތުރު އިސްލާހުތަކާއެކު 70 މާއްދާގެ ގާނޫނުއަސާސީއެއް ޝާއިއު ކުރެވުނެވެ.
ރާއްޖޭގެ ސިޔާސީ ނިޒާމުގައި އައި އެންމެ ބޮޑު ބަދަލަކީ 1953 ގައި ރަސްކަމުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމެވެ. ފުރަތަމަ ޖުމްހޫރިއްޔާ އެއް އަހަރު ތެރޭގައި ނިމުމަކަށް އައިސް، 1954 ގައި އަލުން ރަސްކަމެއް ގާއިމްވެ، އާ ގާނޫނުއަސާސީއެއް އެކުލަވާލެވުނެވެ.
1968 ގައި ދެވަނަ ޖުމްހޫރިއްޔާ ގާއިމްވުމާއެކު އަލުން ގާނޫނުއަސާސީއެއް ތަޢާރަފު ކުރެވުނެވެ. 1970، 1972 އަދި 1975 ގައި އިސްލާހުތައް ގެނެވުނު މި ގާނޫނުއަސާސީއަކީ، ރާއްޖޭގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް ގާނޫނުއަސާސީއެވެ.
17 އަހަރުގެ ދިގު މަޝްވަރާތަކަށްފަހު 1998 ޖެނުއަރީގައި "ނޫ ގާނޫނުއަސާސީ" އަމަލުކުރަން ފެށުނެވެ. އެއަށްފަހު 2008 ގައި ތަޢާރަފު ކުރެވުނު މިހާރުގެ ގާނޫނުއަސާސީގައި މަލްޓި ޕާޓީ ޑިމޮކްރަސީގެ އުސޫލުތަކާއި، ވެރިކަމުގެ ތިން ބާރު ވަކިކުރުމާއި، ޗެކް އެންޑް ބެލެންސްގެ ނިޒާމާއި، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ ދުސްތޫރީ ތަރައްގީގެ ދަތުރަށް ބަލާއިރު، ޒަމާނާ އެއްގޮތަށް ދައުލަތް ހިންގުމުގެ އުސޫލުތައް ތަރައްގީކޮށް، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިއަދު ފާހަގަކުރާ މި ދުވަހަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ކުރިއެރުމާއި ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓައި ކުރިއަށް ގެންދިއުމުގެ އަޒުމް އާކުރާ ދުވަހެކެވެ.
ކޮމެންޓު ފޮނުވާ