ހުޅުމާލޭގައި އެންސިސް ފިޝަރީޒް އިން ހިންގަމުން އައި މަސް ކާރުހާނާ ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ވިއްކާލުމުގެ މަޝްވަރާތައް ފެށިފައިވާ ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު ވަސީމް އިސްމާއިލް މިއަދު ހާމަކޮށްފި އެވެ.
ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކުން 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނެއް ނަގައިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި މި ކާރުހާނާ އަކީ ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދުކުރުމުގެ ގާބިލްކަން ލިބިފައިވާ ތަނެކެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މި ކާރުހާނާ ހުންނަނީ ބަންދުކޮށްފަ އެވެ.
ކާރުހާނާ ބަންދުކުރަން ޖެހުނު ސަބަބަކީ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ސަރުކާރުން މަހުގެ ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ކުއްލިއަކަށް ބޮޑުކުރި ކަމަށް އެންސިސް ފިޝަރީޒް އިން ބުނެފައިވެ އެވެ. އެ އަގުގައި މަސް ގަނެގެން ފައިދާގައި މަސް ކާރުހާނާއެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
މި ކާރުހާނާ ބަންދުވުމުން 400 އެއްހާ މުވައްޒަފުންނަށް ވަޒީފާ ގެއްލިފައިވެ އެވެ. ކާރުހާނާ ހިންގި ދުވަސްވަރު ތަފާތު ވައްތަރުގެ މަސް ދަޅު އުފައްދައި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓް ކުރަމުން ގެންދިޔަ އެވެ.
"އިވެލުއޭޝަން ޕްރޮސެސްގައި އަދި އޮތީ. އެއްވެސް ކަމެއް އަދި ނުއެއް ނިމޭ،" ވަސީމް 'ދައުރު’އަށް ވިދާޅުވި އެވެ. މިފްކޯއިން މި ކާރުހާނާ ގަންނަން ޝައުގުވެރިވާތީ މަޝްވަރާތައް ކުރަމުން އަންނަ ނަމަވެސް، އަދި އެއްވެސް އެއްބަސްވުމަކަށް ނާދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކާރުހާނާ ވިއްކާލަން މަޝްވަރާކުރާ އަގެއް އޭނާ ހާމައެއް ނުކުރެއްވި އެވެ.
މި ކަމާ ގުޅިގެން މިފްކޯގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. މިފްކޯ އަކީ ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދައުލަތުގެ ކުންފުންޏެކެވެ. މި ކުންފުނިން ޅ. ފެލިވަރުގައި ކޭނަރީއެއް ހިންގާ އިރު، އިންޑިއާގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން އެ ތަން ތަރައްގީކުރުމުގެ މަޝްރޫއެއް ވެސް ހިންގަމުން ގެންދެ އެވެ. މީގެ އިތުރުން އައްޑޫ އާއި ކޫއްޑޫގައި މިފްކޯއިން މަސް ގަންނައި ރައްކާކުރާ ފެސިލިޓީތައް ވެސް ހިންގަމުން ގެންދެ އެވެ.
ކޮމެންޓު ފޮނުވާ