މާވަށުގައި މަރާލި މޫސަގެ ހަށިގަޑު އެންމެފަހުން އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް

މާވަށުގައި މަރާލި މޫސަގެ ހަށިގަޑު އެންމެފަހުން އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް

Author
ހުސައިން
07 އޮގަސްޓް 2025 09:49
0

ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29އ) ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވާލައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މައުލޫމާތުގައި ބުނެފައިވާ ގޮތުން، މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ. މި ދަތުރުކޮށްފައިވަނީ މަރުގެ ސަބަބު ޔަގީންކުރުމަށް ބޭނުންވާ ތަފްސީލީ ތަހުލީލުތައް ހެދުމަށްޓަކައި ކަމަށް ފުލުހުން ހާމަކުރެއެވެ.

ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު 10:12 ގައި ފުލުހުންނަށް ރިޕޯޓްކުރި މި މާރާމާރީގައި، މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. މާވަށުން ވާހަކަ ދެއްކި މީހެއްގެ މައުލޫމާތު ލިބިފައިވާ ގޮތުގައި، މޫސާ އިބްރާހީމްގެ ކަރަށް ވަޅިއެއް ހަރާފައިވާ ކަމަށް ބެލެވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ދުވަހު އެވެ. ފުލުހުންގެ ޓީމެއް މޫދަށް ޑައިވްކޮށްގެން، މޫސާ އިބްރާހީމަށް ހަމަލާދިން ކަމަށް ބެލެވޭ ވަޅި ހޯދުމަށްވެސް ވަނީ ކާމިޔާބުވެފައެވެ.

ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް މޫސާ އިބްރާހީމްގެ ހަށިގަނޑު ޖުލައި 28 ގައި މާލެ ގެނެސްފައިވާއިރު، ޖުލައި 30 ވަނަ ދުވަހު އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަން ފުލުހުން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލީ ތަހުލީލުތަކެއް ހެދުމަށް އިންޑިއާއަށް ފޮނުވާލަން ޖެހިފައިވާ ކަމަށް ބެލެވެއެވެ.

ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އިބްރާހީމްއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، ޖުލައި 29 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، އޮޓޮޕްސީ ރިޕޯޓް ލިބުމުން މަރުގެ ސަބަބާ ގުޅޭ އިތުރު މައުލޫމާތު ހާމަވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.