ރާއްޖެއިން ފުރާ ފްލައިޓްތަކުގައި ލައިޓަރު ގެންދިއުމުގެ ހުއްދަ ދިނުމަށް ނިންމައިފި

ރާއްޖެއިން ފުރާ ފްލައިޓްތަކުގައި ލައިޓަރު ގެންދިއުމުގެ ހުއްދަ ދިނުމަށް ނިންމައިފި

Author
ހުސައިން
06 އޮގަސްޓް 2025 04:15
0

ދިވެހިރާއްޖެއިން ފުރާ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ލައިޓަރު ގެންދެވޭނެ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ. ޑިފެންސް މިނިސްޓްރީން ނެރުނު ސާކިއުލަރއެއްގައި ބުނެފައިވާ ގޮތުގައި، މިހާރު ކޮންމެ ފަސިންޖަރަކަށް ވެސް އަތުގައި ނުވަތަ ޖީބުގައި ބަހައްޓައިގެން އެއް ލައިޓަރު ގެންދިއުމުގެ ހުއްދަ ދެވިފައިވެއެވެ.

ރާއްޖެއިން ފުރާ ފްލައިޓްތަކާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ލައިޓަރު ގެންދިއުން މަނާކޮށްފައި އޮތީ ގިނަ އަހަރުތަކެއް ވަންދެންނެވެ. މި ބަދަލު ގެނައުމުގައި ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ކަންތައްތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް، ވަކި ހާލަތްތަކެއްގައި އެއަރލައިންތަކަށް ވަކި ފްލައިޓްތަކުގައި ލައިޓަރު އެރުވުން މަނާކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ އެއަރލައިނަކުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، އެކަން ޑިފެންސް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ބަދަލަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ އުސޫލުތައް ހަމަޖެއްސުމަށް ކުރެވުނު މަސައްކަތެއްގެ ތެރެއިން ގެނެވުނު ބަދަލެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.