ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ލާމަރުކަޒީ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ހުށަހެޅި، އެ އިސްލާޙުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު މިހާރު ދިރާސާކުރަމުން ގެންދަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ.
މި ބިލަށް ޚިޔާލު ދިނުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 5 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ލާމަރުކަޒީ ކޮމިޓީގެ އީމެއިލް [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދިފައިވެއެވެ.
ހުށަހެޅިފައިވާ އިސްލާޙުތަކުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރި ހިންގޭނެ ދާއިރާތައް ޤާނޫނުގައި ސާފުކޮށް ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރާ އުސޫލުތައް މުރާޖަޢާކުރުން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ މުއްދަތު ހަމަވުމުގެ ކުރިން މުހިންމު މާލީ ނިންމުންތައް ނިންމުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަކީވެސް މި އިސްލާޙުގެ މަޤްޞަދެކެވެ.
އިސްލާޙުގައި ބުނާގޮތުން ކައުންސިލްގެ މުއްދަތު ހަމަވުމާ ދެމެދު 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މެނުވީ ބައެއް ކަންތައްތައް ނުކުރެވޭނެއެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވުމާއި، 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ހިމެނޭ މަސައްކަތެއް ނުފެށުން ހިމެނެއެވެ.
އަދި ކައުންސިލްގެ މިލްކިއްޔާތުގައި ހުންނަ ފަޅުފަޅާއި ބިންތަކާއި ފަރުތައް ކުއްޔަށް ނުދެވޭނެއެވެ. ކައުންސިލް އިދާރާއަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމަކީވެސް މަނާކަމެކެވެ. ތަރައްޤީގެ ޕްލޭންގައި ނުހިމެނޭ އާ މަޝްރޫޢުތައް ފެށުމަކީވެސް ނުކުރެވޭނެ ކަމެކެވެ.
މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުން ހިންގާ ވިޔަފާރިތައް މި ޝަރުޠުތަކާ ޚިލާފުވާނަމަ، އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެ ހަރަކާތްތައް ހުއްޓާލަންޖެހޭނެއެވެ.
ބިލު ފާސްވެ ތަސްދީޤުކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭނެ ކަމަށްވެސް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ