މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އަދިވެސް މޯޗުއަރީގައި، އާއިލާ ޕޯސްޓްމޯޓަމްއަށް ދެކޮޅު

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އަދިވެސް މޯޗުއަރީގައި، އާއިލާ ޕޯސްޓްމޯޓަމްއަށް ދެކޮޅު

Author
ހުސައިން
04 އޮގަސްޓް 2025 04:11
0

ލ. މާވަށުގައި ވަޅިއަކުން ކަރަށް ހަމަލާދީ މަރާލި މޫސާ އިބްރާހީމް (29 އަހަރު، ނަލަހިޔާ/މާވަށް) ގެ ހަށިގަނޑު މިހާރު ވެސް އޮތީ އާއިލާއަށް ވަޅުލުމުގެ ފުރުސަތު ނުލިބި މޯޗުއަރީގައެވެ. މި ހާދިސާ ހިނގިތާ މިއަދަށް 8 ދުވަސް ވެއްޖެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު އިބްރާހިމް (29 އަހަރު، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު) ވަނީ ހާދިސާ ހިނގި ދުވަހު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފައެވެ. މީހާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ހޯދީ ތުހުމަތު ކުރެވޭ ފަރާތުން ދެއްކި ދިމާލަކުން މޫދު އަޑިންނެވެ.

ފުލުހުން ބުނާ ގޮތުގައި އިތުރު ތަހުލީލުތައް ހަދަން ބޭނުންވާތީ މަރުވި ފަރާތުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. ނަމަވެސް މިއީ މަރުވި ފަރާތުގެ އާއިލާގެ އެއްވެސް މެންބަރަކު ރުހޭ ކަމެއް ނޫނެވެ.

މަރުވި ފަރާތުގެ އެއްބަނޑު އެއްބަފާ ބޭބެ އަބޫބަކުރު އިބްރާހިމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ފުލުހުން އާއިލާއާ ދެކޮޅަށް ވެސް ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.  ވަޅި ފެނި، ތުހުމަތު ކުރެވޭ ފަރާތް އަމިއްލައަށް ހަވާލުވުމަށްފަހު އިތުރަށް ހޯދަން އޮތީ ކޮން ހެއްކެއް ތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އޮޓޮޕްސީ އަކީ މަރުގެ މައްސަލަތަކުގައި އުފެދޭ ޝައްކު ފިލުވަން ތަހުގީގުގެ ބޭނުމަށް ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން ކުރާ ކަމެކެވެ. ރާއްޖޭގައި އޮޓޮޕްސީ ހަދާނެ ވަސީލަތްތައް ނުހުންނާތީ އާންމުކޮށް އެކަން ކުރުމަށް ހަށިގަނޑު ފޮނުވަނީ އިންޑިއާއަށެވެ.

ހާދިސާ ހިނގި ދުވަހު އަބޫބަކުރު ހުންނެވީ މާލޭގައެވެ. ލޯންޗެއް ހަމަޖެހިގެން އޭނާއަށް އެ ދުވަހު ހަވީރު ރަށަށް ދެވުނު އިރު މަރުވި ފަރާތުގެ ހަށިގަނޑު އޮތީ ސާފުކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި އާއިލާ މީހުންނަށް އެ ދުވަހު މަރުވި ފަރާތުގެ މޫނު ދެއްކީ ވަރަށް ޕްރެޝަރު ކޮށްގެން ކަމަށާއި އެވަރުން ވެސް ގިނަ މީހުންނަށް މޫނު ނުފެނުނެވެ. މިކަމުގައި ކައުންސިލުގެ އެއްވެސް އެއްބާރުލުމެއް ވެސް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި ހަށިގަނޑު މާލެއަށް ގެނައީ އެރޭ ދަންވަރެވެ. މާލެ ގެނައުމަށްފަހު ފުލުހުންގެ އަމަލުތައް ހުރީ ވަރަށް އަންޕްރޮފެޝަނަލް ކޮށް ކަމަށް އަބޫބަކުރު ވިދާޅުވިއެވެ. އެގޮތުން މާލެއިން ހަށިގަނޑު ބަލައި އެއާޕޯޓަށް ފުލުހަކު ނުދިން ކަމަށާއި، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ މޯޗަރީއަށް ގެންދާ ފޮށްޓަށް ލައިގެން ކަމަށް އޭނާ ބުންޏެވެ.

އެގޮތަށް ގެންދިއުމުން ބޮޑީ ބޭގެއްގައި ގެންނަން ޖެހޭނެ ކަމަށް ހޮސްޕިޓަލުން ބުނެ އަނބުރާ ފޮނުވާލަން މަސައްކަތް ކުރި ކަމަށް އަބޫބަކުރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އާއިލާ މީހުން ބޭނުމެއް ނުވި އަނެއްކާ ދެކޮޅަށް ހަށިގަނޑު ތަޅުވާކަށް. އެއީ އިތުރު އަނިޔާއެއް ކަމަށް ބެލޭތީ، ސައިކަލުގެ މަޑިދަށުން ކަށިގަނޑާ އެއްޗެހި ނަގައިގެން އައިސް ފޮށީގެ މަތި ނަގައިގެން ހަށިގަނޑު ނެގި ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.