ފަލަސްތީނު މިނިވަން ދައުލަތަކަށް ވުމުގެ ކުރިން ހަތިޔާރު ނުބަހައްޓާނެ ކަމަށް ހަމާސް ޖަމާއަތުން އިންކާރުކޮށްފިއެވެ. މި ވާހަކަ ހަމާސް އިން ބުނެފައި ވަނީ އިސްރާއީލާ އެކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ވާހަކަތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ގާޒާގައި އިސްރާއީލުން ދިގު މުއްދަތެއް ވަންދެން ހިންގަމުން އަންނަ ހަމަލާތައް ހުއްޓާލައި، ދެ ފަރާތުން ހަނގުރާމަ ނިންމާލުމަށް ކުރެވޭ މަސައްކަތުގައި އިސްރާއީލުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގާޒާއިން ހަމާސް މުޅިން ނައްތާލައި، އެ ޖަމާއަތުގެ އަތުގައިވާ ހަތިޔާރުތައް ހަވާލުކުރުމެވެ.
އެހެންނަމަވެސް ހަމާސް އިން ސާފުކޮށް ބުނެފައި ވަނީ، ހަތިޔާރު ބަހައްޓައި އަމާންދިނުމަށް އެއްބަސްވާނީ ހަމައެކަނި ފަލަސްތީނު މިނިވަން ދައުލަތެއް ގާއިމުވުމުން ކަމުގައެވެ. މިއީ ހަމާސް އިން ކުރިން ވެސް ތަކުރާރުކޮށް ބުންޏަމުން އައި ވާހަކައެކެވެ.
އިސްރާއީލުން ފާހަގަކުރާ ގޮތުގައި ގާޒާގައި އެ ގައުމުން ހިންގާ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ހަމާސް ޖަމާއަތް ފުރިހަމައަށް ނައްތާލުމެވެ. އެ ގައުމުން މި ވާހަކަ ހާމަކޮށްފައި ވަނީ ހަނގުރާމަ ފެށުނު ފުރަތަމަ ދުވަސްތަކުގައެވެ.
މި މައްސަލައާ ގުޅިގެން އަރަބި ބައެއް ގައުމުތަކުން ވެސް ވަނީ ގާޒާގައި އަމާންކަން ގާއިމުކުރުމަށްޓަކައި ހަމާސް އިން ހަތިޔާރު ބަހައްޓަން ގޮވާލާފައެވެ. ނަމަވެސް މި ގޮވާލުންތަކާ ޚިލާފަށް ހުޅަނގުގެ ބައެއް ބޮޑެތި ގައުމުތަކުން ދަނީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ތައްޔާރުވަމުންނެވެ.
ކޮމެންޓު ފޮނުވާ