މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ތިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާތީ އެދުވަހީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސަވައި، ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ އަންނަ މަހުގެ 4 ވާ ބުރާސްފަތި ދުވަސްކަމަށް ސަރުކާރުން ކަނޑައަޅާފައިވާކަމަށެވެ.
ކޮންމެ އަހަރަކަށް ވެސް މަޖިލިސް ހުޅުވާ ދުވަހު ރައީސްގެ ރިޔާސީ ބަޔާނެއް އިއްވަވާނެ އެވެ. ވަރަށް މަދު އަހަރުތަކެއްގައި ނޫނީ، ކޮންމެ ފަހަރަކު ވެސް އެ ޖަލްސާ އޮންނަ ދުވަހު ސަރުކާރު ބަންދު ކުރެ އެވެ.
މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުގެ މަތީން މަޖިލީހުގެ މިޖަލްސާގައި ހަމައެކަނި އޮންނާނި ރައީސުލްޖުމްހޫރިއްޔާގެ ބަޔާން އިއްވުމެވެ. ރިޔާސީ ބަޔާނަށް ރައްދު ދިނުމަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފުރުސަތު ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ