ހަ ރަށެއްގެ ސިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު އަމިއްލަ ތިން ކުންފުންޏަކާ ހަވާލުކޮށްފި

ހަ ރަށެއްގެ ސިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު އަމިއްލަ ތިން ކުންފުންޏަކާ ހަވާލުކޮށްފި

Author
ހުސައިން
31 ޖުލައި 2025 06:42
0

ރާއްޖޭގެ ހަ ރަށެއްގެ ސިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު ތިން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން ހއ.ވަށަފަރު، ހއ.ތުރާކުނު، ށ.ޅައިމަގު، ނ.މަގޫދޫ، ފ.ބިލެއްދޫ އަދި ފ.ދަރަނބޫދޫގެ ސިއްހީ މަރުކަޒުތައް ތަރައްޤީކުރުމަށް ޖުމްލަ 26.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ.

ވަށަފަރާއި ތުރާކުނުގެ މަސައްކަތް ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުންޏާ ހަވާލުކޮށްފައިވާއިރު، ވަށަފަރުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ އަދި ތުރާކުނުގެ މަސައްކަތަށް 3.4 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ޅައިމަގުގެ ސިއްހީ މަރުކަޒު ތަރައްޤީކުރުމަށް އީކޮން މޯލްޑިވްސް ކުންފުންޏާ 4.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، މަގޫދޫ، ބިލެއްދޫ އަދި ދަރަނބޫދޫގެ މަސައްކަތް ސަމާލު ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައިވެއެވެ. މަގޫދޫ އަދި ދަރަނބޫދޫގެ މަސައްކަތަށް ކޮންމެ ރަށަކަށް 4.8 މިލިއަން ރުފިޔާ ޚަރަދުވާއިރު، ބިލެއްދޫގެ މަސައްކަތަށް 4.3 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ކޮންމެ ސިއްހީ މަރުކަޒަކަށް ވެސް ވޯޑު، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް އަދި ސްޓޯރ ރޫމް ފަދަ ވަސީލަތްތައް އިތުރުކުރެވޭނެއެވެ. ބައެއް މަރުކަޒުތަކަށް ޕްރައިވެޓް ރޫމް، ގަރާޖް އަދި ލޯންޑްރީ ޖާގަ ވެސް އިތުރުކުރެވޭނެއެވެ.

ގިނަ މަރުކަޒުތަކުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، ވަށަފަރާއި ދަރަނބޫދޫގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.