ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމުގައި ދަތިކަން ކުރިމަތިވެފައިވާތީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ފިޔާގެ ޝިޕްމަންޓެއް އެތެރެކުރަން ނިންމާފައެވެ. މި ޝިޕްމަންޓް މިރޭ ރާއްޖެ އައިސްފާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އާންމު ގޮތެއްގައި އެސްޓީއޯއިން ފިޔާ އެތެރެކުރަނީ ވަކި މުނާސަބަތުތަކާ ގުޅިގެން، ޚާއްސަކޮށް ރަމަޟާން މަހަށެވެ. އެހެން ދުވަސްވަރުގައި ފިޔާގެ ވިޔަފާރި ކުރަނީ ޕްރައިވެޓް ވިޔަފާރިވެރިންނެވެ.
ނަމަވެސް މިހާރު މޫސުން ނުރަނގަޅުވެފައިވުމުގެ ސަބަބުން ޕްރައިވެޓް ވިޔަފާރިވެރިންނަށް ވެސް ފިޔާ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި ފިޔާ ލިބެން ނެތުމުގެ ހާލަތު މެދުވެރިވެފައިވެއެވެ.
އެސްޓީއޯގެ ފަރާތުން ބުނެފައިވަނީ، ބާޒާރުގައި އަސާސީ ބާވަތްތައް ލިބެން ނެތްނަމަ، އެ ބާވަތެއްގެ ވިޔަފާރިއަށް އެސްޓީއޯ ވަދެގެން މައްސަލަ ހައްލުކުރާ އުސޫލުގެ ދަށުން މި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
މިހާރު ފިޔާ ވިއްކާ ފިހާރަތަކުގެ އަދަދު ވަރަށް މަދުވެފައިވާ އިރު، ފިޔާ ލިބޭ މަދު ތަންތަނުން ވިއްކަމުންދަނީ އާންމު އަގަށްވުރެ ވަރަށް ބޮޑު އަގުތަކުގައެވެ. މިކަމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ