ލ. މާވަށުގައި އިއްޔެ ހެނދުނު ހިނގި ވަޅި ހަމަލާއެއްގައި މަރުވި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29އ)ގ ހަށިގަނޑު ރޭ މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ. އޭނާގެ ހަށިގަޑު މާލެ ގެނެވުނީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ޓަކައި ކަމަށެވެ.
މި ހާދިސާގެ ތުހުމަތުގައި ފުލުހުން ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް (29އ) ހައްޔަރުކޮށްފަ އެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރީ އިއްޔެ ހެނދުނު 10:12 ގަ އެވެ. މާވަށުން ލިބުނު މައުލޫމާތުގައި ވާ ގޮތުން މޫސާ އިބްރާހީމްގެ ކަރަށް ވަޅިން ވަނީ ހަމަލާ ދީފަ އެވެ. އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރެވުނު މުހައްމަދު އިބްރާހީމްއަކީ މަސްތުވާ ތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދިން އެވެ. މީނާގެ އިތުރުން، ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ގޮސް، ހަމަލާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވަނީ ހޯދާފަ އެވެ.
މި ދަނޑިވަޅުގައި ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެ، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ