މޯލްޑިވިއަންގެ ބޯޓުތަކުގައި ދިވެހި އަކުރުން "ދިވެހިރާއްޖެ" ލިޔަން ފަށައިފި

މޯލްޑިވިއަންގެ ބޯޓުތަކުގައި ދިވެހި އަކުރުން "ދިވެހިރާއްޖެ" ލިޔަން ފަށައިފި

Author
ހުސައިން
28 ޖުލައި 2025 05:53
0

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ކަމުގައިވާ މޯލްޑިވިއަންގެ އުދުހޭ ބޯޓުތަކުގެ ފަރާތުގައި ދިވެހި ދިދައިގެ ތިރީގައި ދިވެހި އަކުރުން "ދިވެހިރާއްޖެ" ލިޔަން ފަށާއިފިއެވެ. މިއީ ދިވެހި ގައުމިއްޔަތު ކުރިއަރުވައި އާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް ބޭނުންކޮށްގެން އިއްޔެ ދަތުރުކުރި މޯލްޑިވިއަން އެއާލައިންގެ ފުލައިޓުގައި ވެސް މި ބަދަލު ފެނިގެންދިޔައެވެ. މަތިންދާ ބޯޓުގެ އެއް ފަރާތުގައި ދިވެހި ދިދައިގެ ތިރީގައި ދިވެހި އަކުރުން "ދިވެހިރާއްޖެ" ލިޔެފައިވާ މަންޒަރު ފަސިންޖަރުންނަށް ފެނިގެންދިޔައެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވި ގޮތުގައި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ގައުމިއްޔަތު ކުރިއަރުވަން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި އެޅި ފިޔަވަޅެކެވެ. މޯލްޑިވިއަންގެ ހުރިހާ މަތިންދާ ބޯޓުތަކުގައި މި ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މޯލްޑިވިއަން އެއާލައިންގެ ބައިނަލްއަގުވާމީ ފުލައިޓުތަކާއި، ރާއްޖޭގެ އެތެރޭގައި ދަތުރުކުރާ ޑޮމެސްޓިކް ފުލައިޓުތަކާއި، ސީޕްލޭންތައް ހިމެނޭ ގޮތަށް ހުރިހާ މަތިންދާ ބޯޓުތަކެއްގައި މިއަދުން ފެށިގެން ދިވެހި އަކުރުން "ދިވެހިރާއްޖެ" ލިޔެފައި ހުންނާނެއެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް މޯލްޑިވިއަންގެ ބޯޓުތައް ދަތުރުކުރާތީ، މި ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހީންނަކީ އަމިއްލަ ބަހަކާއި އަކުރެއް އޮތް ބައެއްކަން ދުނިޔެއަށް ދައްކުވައިދޭނެ ކަމަށް އަލީ ސަލީމް ވިދާޅުވިއެވެ. އަދި މިއީ ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ތަރުހީބުދޭނެ ކަމެއް ކަމަށް އޭނާ އުންމީދުކުރައްވާ ކަމަށް ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.