ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ޕްރެޝަރުގެ ސަބަބުން ދުވާލަކު 10 ގަޑިއިރުގެ ވަގުތެއް ހުޅުވާލާފައިވީނަމަވެސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 69 މީހަކު ޝަހީދުވެފައިވާކަން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މީގެ ތެރޭގައި ބަނޑަށް މަރުވި 6 މީހުން ހިމެނޭއިރު، އޭގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.
އިއްޔެއިން ފެށިގެން ޣައްޒާގެ ވަކި ސަރަޙައްދުތަކަށް އެހީ އެތެރެވުމުގެ ފުރުޞަތު ލިބުނުނަމަވެސް، އިސްރާއީލުން އެކި އުޒުރުތައް ބޭނުންކޮށްގެން އެހީގެ ގާފިލާތަކަށް ހުއްދަ ދިނުން ލަސްކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ލޮރީގެ އެހީ މިސްރު ފަޅިން ޣައްޒާ ސިޓީ، ދެއިރް އަލް-ބަލާޙް އަދި އަލް-މަވާސީއަށް އެތެރެވެފައިވާކަން ރިޕޯޓުތަކުން ދައްކައެވެ.
ޢުރުދުންނާއި އެކުވެރި އަރަބި އިމާރާތުން ވައިގެ މަގުން 25 ޓަނުގެ ކާބޯތަކެތި އެއަރ ޑްރޮޕް ކޮށްފައިވީނަމަވެސް، މި މަސައްކަތުގައިވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ. ޣައްޒާގެ އުތުރުގައި އެއަރ ޑްރޮޕް ކުރެވުނު ޕެލެޓަކުން ޖެހިގެން 10 މީހަކަށް އަނިޔާވެފައިވާކަން ރިޕޯޓުތަކުން ހާމަވެއެވެ.
ލޮނުފެން ސާފު ފެނަށް ބަދަލުކުރާ އެންމެ ބޮޑު ޕްލާންޓަށް ކަރަންޓު ދެވޭގޮތްވެސް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ. މި ޕްލާންޓަކީ ދުވާލަކު 18 ހާސް ކިއުބިކް މީޓަރުގެ ފެން އުފެއްދޭ ޕްލާންޓެކެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ބަނޑަށް މަރުވި މީހުންގެ އަދަދު 133 އަށް އަރާފައިވާކަން ޞިއްޙީ ރިޕޯޓުތަކުން ދައްކައެވެ. އެހީ ލިބޭ ސޭފް ޒޯންތަކުގައި ތިބި މީހުންނާއި އެހީގެ ކިއުގައި ތިބި މީހުންވެސް ހަމަލާތަކުގެ ޝިކާރައަކަށް ވަމުން ދާކަން ފާހަގަކުރެވެއެވެ.
މި ހާލަތާ ގުޅިގެން އެމެރިކާގެ ސިޔާސީ ލީޑަރުން ތަފާތު ވާހަކަތައް ދައްކަމުން ގެންދާކަން ފާހަގަކުރެވެއެވެ. ސެނެޓަރ ލިންޑްސީ ގްރަހަމް ބުނެފައިވަނީ ޣައްޒާ ހަނގުރާމަ ނިންމުމަށް އިސްރާއީލުގެ ފުލް ކޮންޓްރޯލްގެ ދަށަށް ޣައްޒާ ގެންދަން ޖެހޭ ކަމަށާއި، އަރަބި ލީޑަޝިޕަކާ ހަވާލުކުރުމުގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްކޮޓްލޭންޑުގައި ހުރެ ވިދާޅުވީ މިއީ ޣައްޒާއާ މެދު އިސްރާއީލުން ނިންމުމެއް ނިންމައި، އެ ނިންމުން ތަންފީޒުކުރުމަށް އެމެރިކާގެ އެހީތެރިކަން ހޯދަންވީ ވަގުތު ކަމަށެވެ.
ކޮމެންޓު ފޮނުވާ