ނިހާން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ހައިކޯޓުން މައްސަލަ ނަގައިފި

ނިހާން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ހައިކޯޓުން މައްސަލަ ނަގައިފި

Author
އަހުމަދު
24 ޖުލައި 2025 11:40
0

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިންމަނިކު އެސްޓީއޯއަށް ދައްކަންޖެހޭ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ދެއްކުމަށްފަހު، އެ މައްސަލައިގެ އިސްތިއުނާފް ހައިކޯޓުން އަނބުރާ ގެންގޮސްފި އެވެ.

ހާބަރު ފުޑްކޯޓެއް ފަސް އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށްފަހު ކުލި ނުދެއްކި މައްސަލައިގައި، ސިވިލް ކޯޓުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިހާންގެ ޣައިރު ހާޒިރުގައި ކުރި ހުކުމެއްގައި އެސްޓީއޯއަށް 959،362 ރުފިޔާ ދައްކަން އަމުރުކޮށްފައިވެ އެވެ. މި ފައިސާއަކީ ނުދައްކާ ހުރި ކުއްޔާއި، މެއިންޓެނަންސް ފީއާއި، ފައިސާ ލަސްވުމުން އަރާފައިވާ ޖޫރިމަނާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ހަ މަސް ދުވަހުގެ ތެރޭގައި މި ފައިސާ ދެއްކުމަށް ކުރި ހުކުމް ނިހާން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި އެވެ. ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއްގައި، ނިހާންގެ ފަރާތުން ހުށަހަޅަން ބޭނުންވި ބައެއް މުހިންމު ނުކުތާތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ދެކިވަޑައިގެންފި އެވެ.

އެހެންނަމަވެސް މި މަހުގެ 7 ވަނަ ދުވަހު ނިހާން ހައިކޯޓަށް ސިޓީއެއް ފޮނުވައި، އިސްތިއުނާފުގެ މައްސަލަ އަނބުރާ ގެންދަން އެދިވަޑައިގެންފި އެވެ. އެސްޓީއޯއާ އެކު ކޯޓުން ބޭރުގައި ސެޓުލްމަންޓް އެގްރީމެންޓެއް ހަދައި، އެ އެއްބަސްވުން ތަންފީޒުކޮށް ނިމިފައިވާ ކަމަށް ނިހާން ބަޔާންކުރެއްވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، ސިވިލް ކޯޓުގެ ހުކުމުގައި ބުނާ ފައިސާ ސީދާ އެސްޓީއޯއަށް ދައްކަން ޖެހޭތީ، އެ ކުންފުންޏާ އެކު ވަކި އެއްބަސްވުމެއް ހެދި، އެ އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ދައްކަމުން ގޮސް، މިހާރު ވަނީ އެންމެހައި ފައިސާ ދައްކައި ޚަލާސްކޮށްފަ އެވެ. މިކަމާ ގުޅިގެން ހައިކޯޓުން މި މަހުގެ 9 ވަނަ ދުވަހު ނެރުނު ދައުވާ ބާތިލްކުރުމުގެ ފޯމުގައި، ނިހާންގެ އިސްތިއުނާފުގެ މައްސަލަ ބާތިލްކޮށްފައިވާ ކަން ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.