މާލޭގެ ޓާމިނަލް ކެފޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޒުވާނާގެ މަރުގައި މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓާ ޖުވައިނަލްކޯޓުން ދޫކޮށްލި ކުއްޖާ އަލުން ހައްޔަރުކޮށްފިއެވެ.
މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ 2017 ގައި ނަދީމް އަބްދުއްރަހީމް މަރައިލި މައްސަލައިގައި ތުހުމަތުކޮށް، ޖުވެނައިލް ކޯޓުން ދޫކޮށްލާފައި ހުރި ކުޑަކުއްޖާ އަލުން ހައްޔަރުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މި މައްސަލާ ގައި ދައުލަތުން އޭރު ދައުވާކުރި ކުއްޖާއަށް މިހާރު ވަނީ 18 އަހަރު ފުރިފައެވެ. މި ކުއްޖާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި މި ކުއްޖާ ބަންދުކޮށްފައި ހުއްޓާ ޖުވައިނަލްކޯޓުން ދޫކޮށްލަން ނިންމެވީ އެކޯޓްގެ އިސްގާޒީގެ ގޮތުގައި އޭރު ހުންނެވި އަބްދުލްބާރީ ޔޫސުފްއެވެ. ބަންދުން ދޫކޮށްލުމަށް ގާޒީ ބާރީ ނިންމެވީ ދައުވާކުރީ ޤާނުނުގައި ބުނާ މުއްދަތު ހަމަވިފަހުންކަމަށް ބުނެއެވެ.
ހއ. ތަކަންދޫ، އިބްރާހިމީހިޔާ ނަދީމް އިބްރާހިމްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލީދީ އޭނާ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. މި މައްސަލާގައި މި ކުޑަކުއްޖާގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒާއި ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
ނަދީމްގެ މަރާ ގުޅިގެން ކުޑަކުއްޖާގެ އިތުރުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރަނީ މަފާޒަށެވެ. ދެން ތިބި ތިން މީހުންގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކޮމެންޓު ފޮނުވާ