ކޯލްޑްޕްލޭ ކޮންސާޓުގައި އަންހެން މުވައްޒަފާއެކު ގައިގޯޅިކޮށް ހުއްޓާ ފަޅާއެރި އެސްޓްރޮނޮމާގެ ސީއީއޯ ސަސްޕެންޑް ކޮށްފި

ކޯލްޑްޕްލޭ ކޮންސާޓުގައި އަންހެން މުވައްޒަފާއެކު ގައިގޯޅިކޮށް ހުއްޓާ ފަޅާއެރި އެސްޓްރޮނޮމާގެ ސީއީއޯ ސަސްޕެންޑް ކޮށްފި

Author
ހުސައިން
19 ޖުލައި 2025 09:25
0

ބުދަ ދުވަހު އެމެރިކާގެ ބޮސްޓަންގައި ބޭއްވުނު ކޯލްޑްޕްލޭގެ ކޮންސާޓުގައި އެސްޓްރޮނޮމާ ކުންފުނީގެ ސީއީއޯ އެންޑީ ބައިރޮންގެ ސިއްރު ގުޅުމެއް ފަޅާއެރި، އެތައް ބަޔަކު ހައިރާންކޮށްލި ހާދިސާއާއި ގުޅިގެން އެކުންފުނިން ސީއީއޯ ސަސްޕެންޑް ކޮށްފިއެވެ. މަޝްހޫރު އިނގިރޭސި ބޭންޑުގެ ޕާފޯމަންސް ކުރިއަށްދަނިކޮށް ކިސް ކެމް ސެގްމަންޓުގައި ކެމެރާ އޮޅިގެން ބައިރޮން އާއި އޭނާގެ ކުންފުނީގެ ޗީފް ޕަބްލިކް އޮފިސަރު ކްރިސްޓެން ކެބޮޓަށް އަމާޒުވުމުން، ބޮޑު ސްކްރީނުގައި ފެނިގެންދިޔައީ އެދެމީހުން ވަރަށް ގާތުން ތިބި މަންޒަރެކެވެ.

ބައިރޮންގެ އަތް ކެބޮޓްގެ ބަނޑުގައި އަޅުވާލައިގެން ތިބި މަންޒަރު ސްޓޭޑިއަމްގައި ތިބި އެތައް ހާސް ބަޔަކަށާއި، ލައިވް ސްޓްރީމް މެދުވެރިކޮށް ބަލަމުން ދިޔަ އެތައް މިލިއަން ބަޔަކަށް ފެނުމާއެކު، ދެމީހުންގެ މޫނުމަތިން ފެންނަން ހުރީ ލަދުވެތިކަމުގެ ޝުއޫރުތަކެވެ. އަދި ބައިރޮން ވަގުތުން ތިރިވެ، ކެބޮޓް ވެސް އަތުން މޫނު ފޮރުވައިގެން އަނެއް ފަރާތަށް އެނބުރުނެވެ.

މި ހާދިސާ ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު، އެވާހަކަ ވެގެން ދިޔައީ ޓެކް އިންޑަސްޓްރީގައި ބޮޑު ވާހަކައަކަށެވެ. މީގެ ކުޑައިރުކޮޅެއް ފަހުން ބައިރޮންގެ އަނބިމީހާ މެގަން ކެރިގަން ވަނީ އޭނާގެ ފޭސްބުކް ޕްރޮފައިލުން ބައިރޮންގެ ނަން އުނިކޮށްފައެވެ. މި ބަދަލަކީ ދެމީހުންގެ ކައިވެނީގެ ގުޅުން ނިމުމަކަށް އަންނަ ކަމުގެ އެންމެ ސާފު ނިޝާނެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެސްޓްރޮނޮމާ ކުންފުންޏަކީ ޓެކްނޮލޮޖީ ދާއިރާގައި މަޝްހޫރު ކުންފުންޏަކަށް ވާއިރު، މި ހާދިސާއާ ގުޅިގެން ކުންފުނީގެ އިމޭޖަށް ކޮންމެވެސް ވަރަކަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ. ކޯލްޑްޕްލޭގެ ރޮމޭންޓިކް ލަވަތަކާއެކު ފަޅާއެރުނު މި ސިއްރު ގުޅުމުގެ ވާހަކަ މިހާރު ވަނީ ބައިނަލްއަޤްވާމީ މީޑިއާގައި ވެސް ފެތުރެން ފަށާފައެވެ. ކުންފުނިން ބުނެފައިވަނީ، މުވައްޒަފުން އަޚުލާގު ހިފެެހެއްޓުމަށް ބާރު އެޅުމަކީ އެކުންފުނީގެ އެންމެ ބޮޑު އެއް އަސާސްކަމުގައެވެ. ކުންފުނީގެ ހިންގު މިހާރު ވަގުތީ ގޮތުން ހަވާލު ކޮށްފައިވާ ކުންފުނީގެ އެއް ފައުންޑަރ މެމްބަރާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.