މިދިޔަ އަހަރު ސިފައިންގެ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ތަމްރީން ކުރެވުނު: މިނިސްޓަރ

މިދިޔަ އަހަރު ސިފައިންގެ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ތަމްރީން ކުރެވުނު: މިނިސްޓަރ

Author
ޢަލީ އާދަމް
05 ޖެނުއަރީ 2021 12:31
0

މިދިޔަ އަހަރުގެ ތެރޭގައި، ސިފައިންގެ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ވާނީ ކޮންމެވެސް އެއް ދާއިރާއަކުން ތަމްރީނުކުރެވިފައިކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިދާ މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮ އެދުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފަށާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނަށާއި، އެންމެހާ ސިފައިންނަށް، ފޮނުވައި ސިފައިންގެ ހަފްތާ އައްޑަނަ މަޖައްލާ ގައި މިނިސްޓަރ ލިޔުއްވި ޚާއްސަ ލިޔުމުގައި ބުނެފައިވަނީ މުޅި ދުނިޔެއާ، ރާއްޖެ، ކޯވިޑް19ގެ ބަލިމަޑުކަމާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، މުޅި އަހަރު ނިންމާލަން ޖެހުނު ނަމަވެސް، މާތްﷲ އިރާދަފުޅުން، 2021 ވަނަ އަހަރާ  ކުރިމަތި މިލީ، އާ އަޒުމަކާއި އުންމީދާ އެކުގައިކަމަށެވެ. ޤައުމީ ޚިދުމަތުގައި އިތުރު އަހަރެއް ޙަޔާތުން ހޭދަކުރެވުނުކަމުގެ ހިތްހަމަޖެހުމާއި ހިނިތުންވުމާ އެކުގައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ އުފާވަނީ ފާއިތުވެގެން ދިޔަ އަހަރަކީ ސިފައިންގެ އިޖްތިމާޢީ ޚިދުމަތް ނުހަނު ފުޅާދާއިރާއެއްގައި ހިންގި، ރައްޔިތުންގެ އިތުބާރާއި ލޯބި ސިފައިންނަށް އިތުރުވެގެން ދިޔަ އަހަރަކަށް، މިދިޔަ އަހަރު ވެފައިވުމުންކަމަށެވެ. ސިފައިންގެ ޤާނޫނީ އޮނިގަނޑަށް ޒަމާނާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެނައުމާއި ޒަމާނީ އާލާތްތަކަށް އަހުލުވެރި ލަޝްކަރެއްގެ ގޮތުގައި ދެމިތިބުމަށް ސިފައިންނަށް އުގަންނާދިނުމުގެ ސިލްސިލާ ތަމްރީންތަކާއި ކޯސްތައް މިދިޔަ އަހަރުން ވަނީ ކުރިއަށް ގެންދެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި، ސިފައިންގެ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ވާނީ ކޮންމެވެސް ދާއިރާއަކުން ތަމްރީނުކޮށްފަ. މިއަދު މި ފެންނަނީ ސިފައިންނަކީ ޕްރޮފެޝަނަލް ފޯސް އެއްގެ ގޮތުގަ. ސިޔާސީ ނުފޫޒުން ދުރުގައި ތިބި ބައެއް ކަމުގައި ތިޔަބޭފުޅުން ތިކޮށްދެއްވާ ހިދުމަތްތައް ހެޔޮ ހިތުން ބަލައިގަންނަން.

– މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިއަހަރުވެސް ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސަފުތައް އިތުރަށް ވަރުގަދަވެ، ސިފައިންގެ ހުވަޔާ އެއްގޮތަށް އަދި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރާއެކީ ކުރިއަށްދިޔމުގެ ހެޔޮ ތައުފިޤް، މާތްﷲ، ދިވެހި ސިފައިންނަށް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ. ސިފައިން ވަނީ ކޯވިޑް19 ގެ ހާލަތުގައިވެސް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.