ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއް އަޅައި، މިފްކޯ ކޯޕަރޭޝަނުން އިނގިރޭސި ވިލާތުގެ ޕްރިންސަސް ގްރޫޕާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި މުހިންމު އެމްއޯޔޫގައި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު އާއި ޕްރިންސަސް ގްރޫޕްގެ ޗީފް ޕާޗޭސިން އޮފިސަރު ނީލް ބޮހޮނަން ސޮއިކުރެއްވިއެވެ.
މި އެއްބަސްވުމަކީ ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ. އޭގެ ދަށުން ފިނިކޮށް ގަނޑުކޮށްފައިވާ ރޯ މަހާއި، ފެލިވަރުގައި ބަންދުކުރާ ދަޅު މަހުގެ އެކި ބާވަތްތައް ޕްރިންސަސް ގްރޫޕަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެއެވެ.
މިފްކޯގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މަސް އެކްސްޕޯޓްކުރުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާވެ، ދެ ފަރާތުގެ ވިޔަފާރީގެ ގުޅުން ފުޅާވެގެންދާނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރި ވަގުތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ހުންނެވީ އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ކިންގ ޗާލްސް ދަ ތާޑް އާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ