ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްވެ 60 އަހަރު ފުރުމާ ދިމާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ބައްދަލުކުރެއްވުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ބައްދަލުވުމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ކިންގް ޗާލްސް އާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުމަކީ އުފާވެރި ކަމެއް ކަމަށާއި، އިނގިރޭސިވިލާތާއެކު ވަރުގަދަ ގުޅުމެއް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ވިންޑްސާ ކާސަލްގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. 1965 ވަނަ އަހަރުގެ ޖުލައި 26 ގައި ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމްވީ ތާރީޚީ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި މަހުގެ 15 ވަނަ ދުވަހު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވި ރައީސް މުއިއްޒު، މަތީ ފެންވަރުގެ އެތައް ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވެއެވެ. އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އަދި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ވަކިވަކިން ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ މުހިންމު މައްސަލަތަކުގައި މަޝްވަރާކުރައްވާފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ހުރި ގުޅުންތައް އިތުރަށް ވަރުގަދަކޮށް، އާ ދާއިރާތަކުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއް ކަމުގައި ސިޔާސީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ