ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ދެ ޒުވާނަކު 15 ދުވަހަށް ބަންދު ކޮށްފި

ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ދެ ޒުވާނަކު 15 ދުވަހަށް ބަންދު ކޮށްފި

Author
ޙަސަން މުޙައްމަދު
15 ޖުލައި 2025 12:16
0

އާންމު ތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށް، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. މީދޫ، ވައިލެޓްހައުސް، މުހައްމަދު ހައިކަލް އަބްދުﷲ ޝާތިރު، އުމުރުން 21 އަހަރުގެ ޒުވާނަކާއި ގދ. ހޯނޑެއްދޫ، ކެލާގެ، މުހައްމަދު އަރީފު، އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ކުރިން ހައްޔަރުކޮށް ބަންދުކުރެވިފައިވާ ރިކޯޑެއް އޮތް ފަރާތްތަކެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ މަޢުލޫމާތު ލިބިގެން މި ދެ މީހުން ހައްޔަރުކުރިއިރު، އެ މީހުންގެ އަތުން ކަނޑިއަކާއި ވަޅިއަކާއި ސާޖިކަލް ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުން ފެނުމުން ސާޖިކަލް ވަޅި ބިންމައްޗަށް ވައްޓާލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޯޓުގައި ބަޔާންދިނުމުގައި މުހައްމަދު ހައިކަލް ބުނެފައިވަނީ، މި މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އޭނާ އެތަނުގައި ހުރީ މުހައްމަދު އަރީފްގެ އެދުމަކަށް އަލިކޮށްދިނުމަށް ކަމަށް ހައިކަލް ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މި ތޫނު ހަތިޔާރުތައް ގެންގުޅެން ޖެހުނު އެކަށީގެންވާ ސަބަބެއް މުހައްމަދު އަރީފަށް ބުނެދެވިފައި ނުވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، ދެ މީހުންވެސް ބަންދުގައި ބޭތިއްބުމަށް ކޯޓުން ނިންމާފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް ބަލައިގެން ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.